އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކިނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ
ވަޒީރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭނީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. ދައުލަތުން އެގޮތަށް ސުޕްރީމް ކޯޓުގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާއާ ގުޅުވައިގެން މިއަދު ހުށަހެޅި ދުސްތޫރީ މައްސަލައެއްގައެވެ. ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އެ މާއްދާގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވަކި ސަބަބު ތަކެއް އޮވެގެން ކަމަށް ބުނެފައެއް ނުވެ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ކަމަށް ކަނޑައަޅައިދިނުމަށެވެ. އެއްވެސް ސަބަބެއް ނެތި، ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން އެއްވެސް ވަޒީރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުލަތުން މިއަދު އެދުނެވެ. މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އެއްވެސް ސަބަބެއް ނެތި ވަޒީރަކު ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން ލިބެން އޮންނަނީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ވަޒީރުން ޖަވާބުދާރީވާން ޖެހޭނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި މަޖިލީހުގެ ދައުރަކީ ވަޒީރުންނަށް ފާރަވެރިވުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ވަކީލާ ވިދާޅުވީ ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށްވަތީ ސަބަބެއް ނެތި ވަޒީރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިފައި އޮތުމަކީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށެވެ. އަދި އެކަމަކީ ބަރުލަމާނީ ނިޒާމުގައި އޮންނަ ސިފައެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ. ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް މަޖިލީހުން ވަޒީރުން ވަކި ކުރެވޭނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެމެރިކާގައި އެކަން އޮންނަ ގޮތް މިސާލެއްގެ ގޮތުގައި ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެމެރިކާގައި ދެ މަރުހަލާއަކުން އިތުބާރު ނެތްކަމުގެ ވޯޓު ފާސްވެގެން ނޫނީ ވަޒީރުން ވަކި ނުކުރެވޭ ކަމަށާއި އެކަން އެގޮތަށް ހަމަޖައްސާފައި އޮންނަ ސަބަބަކީ ހުށަހަޅާފައިވަނީ އެކަށީގެންވާ ސަބަބުތަކެއްތޯ ބަލައި ކަށަވަރު ކުރުމަށް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނަމަ ދައުލަތަށް އަންގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ