ހުޅުދޫ ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ސ. ހުޅުދޫގައި އަލަށް މީހުން އާބާދުވަމުން އަންނަ މާފިށި ސަރަހައްދަށް ކަރަންޓް ދޭން އަޅާފައިވާ ކޭބަލް ބުރިކޮށްގެން ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިއަދު ބުނެފި އެވެ.
ކޭބަލް ބުރިކޮށްލައިގެން ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހުޅުދޫ އާހިޔާ އަބްދުﷲ މަނިކުފާން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަނިކުފާން ހައްޔަރުކުރި އިރު، ބުރިކޮށްގެން ނެގި ކަމަށް ބެލެވޭ ކޭބަލްގެ ބައިތައް ވެސް އޭނާ ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ހުޅުމީދޫ އިންޖީނު ގެއިން ބުނީ ހުޅުދޫގައި އަލަށް މީހުން އާބާދުވުމަށް ގެތައް އިމާރާތް ކުރަމުން އަންނަ ސަރަހައްދުގެ ކަރަންޓް ކޭބަލް ބުރިކޮށްގެން ވަގަށް ނަގާފައިވާކަން އެނގުނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
ދެ ފޫޓް ބަޔަށް ކޮނެ ވަޅުލާފައި އޮތް 75 އެލްވީ ކޭބަލުން 745 ފޫޓް ބުރިކޮށްގެން ވަގަށް ނަގާފައިވެ އެވެ. ކަރަންޓް ކޭބަލް ވަގަށް ނަގަނީ ކޭބަލުގެ އެތެރޭގައި އޮންނަ ލޮއި ވިއްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ