އައިޖީއެމްއެޗުން އަޅާ ލޭގެ އިތުބާރު ރައްޔިތުން ބޭނުންވޭ: ނަޝީދު

އައިޖީއެމްއެޗުން އަޅާ ލެޔަކީ ރައްޔިތުން އިތުބާރުކުރާ އެއްޗަކަށް ވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ފަލާހުގެ ކެމްޕޭން ލޯންޗް ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގައި ބެލި ނަމަވެސ ލޭ އަޅާ ބަލި ގިނަ ގައުމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި ތެލެސީމިއާ ބަލީގެ ގިނަ އަދަދެއްގެ ކުދިން ތިބި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގޭގޭގައި ތެލެސީމިއާ ކުދިން ގިނަ ވާނެ. އަދި ގިނަ ގޭގޭގައި ލޭ އަޅާކުދިން ތިބޭ. މިއަދު މި ދިމާވާ ހިތާމަވެރި ހާދިސާތަކުން އަޅުގަނޑުމެނަށް ގެއްލިގެން ދަނީ މުޅި ލޭ އެޅުމުގެ ދާއިރާގެ އިތުބާރު. މިހާރު ސުވާލު އުފެދެނީ އައިޖީއެމްއެޗުން ނުވަތަ ބްލަޑް ބޭންކުގައި ހުރި ލޭގެ އިތުބާރު އެބަހުރި ތޯ އޭ؟ މި ދިޔައީ ތިން މީހެއްގެ ގަޔަށް ގޯސް ލެޔެއެއް އެޅިގެން، ޖަރާސީމު ހުރި ލެޔެއް އެޅިގެން. އެހެންވެ މިހާރު އުފެދޭ ސުވާލަކީ ދެން ހުރި ލޭ ހުރީ ކިހިނެއްތޯ އޭ؟ ރައްޔިތުންނަށް އެ ލޭގެ އިތުބާރު ކޮންމެހެން ވެސް ބޭނުންވޭ،" އައިޖީއެމްއެޗުން އެޗްއައިވީ ހުރި ލެޔެއް މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނު މައްސަލައަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަލާހު އކީ މާފަންނު ދެކުނު ދާއިރާގެ ގޮނޑި އަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށާއި، އޭނާ އަކީ ވަރަށް ކެރޭ، ހީވާގި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ބޭނުންވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނުވަތަ ޕީއެމަށް މަޖިލީހުގެ ހުރިހާ ބާރެއް ފަހިވާ ގޮތަށް ބޭއްވުމަށް މާފަންނުގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަޣުލަބިއްޔަތެއް ނުލިބިއްޖެ ނަމަ މި ބާވަތުގެ ޖަލްސާތައް، މާލޭގެ މަގުތަކާއި ރާއްޖޭގެ ތަންތާނުގައި މި ބައްދަލުވުންތައް ބާއްވަމަކުން ހިޔާލުފާޅު ކުރަމަކުން ނުގެން ދެވޭނެ. އަލުން އަނބުރާ މައުމޫނުގެ ފިކުރަށް މި ނިޒާމު ބަދަލު ވެގެން ދާނެ. ހަމަ ޔަގީން ތިބޭފުޅުން ވެސް ހޮޓަލުގައި ފާޑު ކިޔާލާ، ހަދާލަން ބޭނުން ވާނެ. ކަންކަމާ ބެހޭ ގޮތުން ވިސްނާލާ ފިކުރުކޮށްލަން ވެސް ބޭނުން ވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ