ސުޕްރީމް ކޯޓުގެ އަމުރު ނުލިބޭތީ ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައެއް ނުގަތް

ޕްރޮސެކިއުޓާ ޖެނެރަލަކު މިވަގުތު ނެތް ނަމަވެސް ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ކްރިމިނަލް ކޯޓަށް ލިބިފައިނުވާތީ މައްސަލަތައް ބަލައިނުގަނެ މިއަދު އަނބުރާ ފޮނުވާލައިފި އެވެ.
ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިގަތުން މަޑުޖައްސާލާފައި އޮންނަތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކުރި ޕީޖީއަކު ނެތަސް މައްސަލަތައް ބަލައިގަތުމަށާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ.
ޑެޕިއުޓި ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ މައްސަލަތައް ބަލައިނުގަންނަން ކޯޓުން ނިންމީ ސުޕްރީމް ކޯޓުގެ އަމުރު އެ ކޯޓަށް ލިބިފައިނުވާތީ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މާދަމާ އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަމުރަކާ އެކު އަޅުގަނޑުމެން އަލުން މައްސަލަތައް ފޮނުވާނަން،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީއަކު ނެތުމުން މައްސަލަތައް ބަލައިގަތުން ހުއްޓާލީ ކްރިމިނަލް ކޯޓުން އެކަންޏެވެ. އެހެން ދަށު ކޯޓުތަކާއި ހައި ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން ވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަންނަމުންދެ އެވެ.
ކްރިމިނަލް ކޯޓަކީ ޕީޖީން އެންމެ ގިނަ މައްސަލަ ފޮނުވާ ކޯޓަށް ވާއިރު އެ ކޯޓުން މައްސަލަތައް ބަލައިނުގަންނާތީ ޕީޖީ އޮފީހުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބަންދުގައި ތިބޭ އެތައް ބައެއްގެ މައްސަލަތައް ކޯޓަށް ނުފޮނުވޭތީ އެކަން ވެސް ވަނީ މައްސަލައަކަށް ވެފަ އެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާފައި ވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ނަންފުޅެވެ. ނަމަވެސް އެ ނަމާ މެދު ގޮތެއް ނުނިންމާ މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. އަދި މިހާރު ހިނގަމުންދާ ޖަލްސާތަކަށް ވެސް އެކަން އެޖެންޑާކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ