ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ފައިސަލް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މާދަމާ ހެނދުނު 10 ޖަހާއިރަށް ކަމަށެވެ.
ފުލުހުން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުރަތަމަ އެންގީ މިރޭ ފުލުސް އޮފީހަށް ހާޒިރުވާން. އެކަމަކު ރަށުގައި ހުންނެވި ކަމަށް ބުނީމަ މާދަމާ ހެނދުނަށް ބަދަލު ކުރީ،" ފުވައްމުލަކުގައި ހުންނެވި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، ފަހަކަށް އައިސް އޭނާ ގެންދަވަނީ ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެ ގޮތުން އިދިކޮޅު ފަރާތްތަކުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދާދި ފަހުން ފައިސަލް ވަނީ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަތުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫނެވެ. ބާރަކީ އަބަދުމެ، އޮންނާނެ އެއްޗެއް ނޫން ކަމަށާއި ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނީ ގާސިމާއި ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށެވެ.
މެމްބަރު ފައިސަލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ