ގާސިމް އިބްރާހީމް މިނިވަންކުރުމަށް ފީއަލީ ރައްޔިތުން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ޚާއްސަ ހަރަކާތެއް ފ.ފީއަލީގައި މިރޭ ބާއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ފީއަލީ ގޮފީގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވީ މިރޭގެ ހަރަކާތަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނިކޮށް އެރަށުގައި ތިބި ސަރުކާރަށް ތާއީދުކުރާ މީހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ޖަލްސާ ބާއްވަން އުޅުމުން ސަރުކާރަށް ތާއީދުކުރާ މީހުން ލައުޑް ސްޕީކަރުން ލަވަޖަހައި ޖެއްސުން ކުރަން ފެށުމުން ހަރަކާތުގެ އަމާޒު ބަދަލުކޮށް ބޮޑު މުޒާހަރާއަކަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ފީއަލީ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންގޮސް ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޖަލްސާއަށް ހުރަސްއެޅީ އެމީހުންނަށް އެކަން ހަޖަމުނުވެގެން ކަމަށާއި އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބު ނުވާނެކަން ޔަގީންވުމުން ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޖަލްސާއަށް ހުރަސްއެޅުމުގެ ސަބަބުން އެމީހުންގެ ތެރެއިންވެސް އެތައް ބަޔަކު މުޒަހަރާއާ ގުޅި، ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންކުރުމަށް އެތައް ބަޔަކު ސަރުކާރަށް ގޮވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ތައްޔާރުކުރާ ޕެޓިޝަނުގައި ސޮއިކުރުން ވެސް މިހަރަކާތުގެ ތެރެއިން ކުރިއަށްދިޔަ ކަމަށް ވިދާޅުވިއެވެ. ޕެޓިޝަނުގައި ސޮއިކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ ހަވީރު ބޭއްވުމަށް ރަށުގެ އަންހެންވެރިން އިސްނަގައިގެން ރާވަމުންދާ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާތީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އދ.މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކުގެ ރައްޔިތުން ދަނީ ސޮއިކުރަމުންނެވެ. މި ޕެޓިޝަން ރައްޔިތުންގެ މަޖިލިހާއި ކަމާގުޅުންހުރި އެހެންވެސް އިދާރާތަކަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ