ރާއްޖެ އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ، އިންޑިއާ ޖޮއިންޓް ސެކްރެޓަރީ ހާސްވަރުދަން ސިރިންގަލާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާ ރޭ ބައްދަލުކުރައްވައިފި އެވެ.
އިންޑިއަން ހައިކޮމިޝަންގެ ފަރާތުން ހުޅުލޭ އައިލެންޑް ހޮޓަލްގައި ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ޑީއާރުޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް އެވެ. އަދި ޕީޕީއެމްގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހަންމަދު ޝަރީފް ބައިވެރިވެ ވަޑައިގަތް އިރު މިނިވަން މެންބަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އެމްޑީޕީގެ ފަރާތުން އަލީ ވަހީދާއި ހާމިދު އަބްދުލް ޣަފޫރާއި ހުސެން ވަހީދާއި އިލްޔާސް ލަބީބު އަދި މުހަންމަދު އަސްލަމް ބައިވެރި ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި ރަސްމީ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ރާއްޖެ އާއި އިންޑިއާޔާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިކޮނޮމީގެ ހާލަތު އޮތް ގޮތުން އިންޑިއާ އިން އެކަމާ ކަންބޮޑުވެ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖީއެމްއާރާ ގުޅޭ ވާހަކައާ މިކަހަލަ ވަކި ހާއްސަ އިޝޫއެއްގައި އެއްވެސް ވާހަކައެއް ނުދެކެވޭ. މިއީ ޖޮއިންޓް ސެކްރެޓަރީ ދެއްވި ފަރިކޮޅެއްގެ ތެރޭން ދިޔަ ނުރަސްމީ ވާހަކަތަކެއް. އަދި އެތަނުގައި ޖީއެމްއާރުގެ މީހަކު ވެސް ބައިވެރިއެއް ނުވޭ،" މެންބަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވައި އިންޑިއާގެ ހައިކޮމިޝަނާ ޑީއެމް މުލޭ އާއި ހައިކޮމިޝަންގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖީއެމްއާރުގެ މައްސަލަ ހޫނުވުމާ އެކު އިންޑިއާގެ އިސް ބައެއް ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވަވައިފަ އެވެ. އެގޮތުން ދާދިފަހުން ހައިކޮމިޝަނާ މުލޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ހާސްވަރުދަން ސިރިންގަލާ މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ރައްޔިތުން މަޖިލީހުގެ ނުވަ މެންބަރަކާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ