އެވިޑް ކޮލެޖުގައި ވައިސް ރެކްޓާގެ މަގާމު އުފައްދައި އެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު އަހުމަދު އައްޔަންކޮށްފި އެވެ.
އެވިޑް ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ޑރ. އަބްދުﷲ ރަޝީދާ މަގާމް ހަވާލުކޮށްދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ.
މަގާމް ހަވާލުކޮށްދެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން މުޝްތާގް ވިދާޅުވީ އެވިޑް ކޮލެޖުގެ ދަރިވަރުންނަށް ތައުލީމީ ގާބިލް ބޭފުޅުންގެ ޚިދުމަތް ލިބުމަކީ އެ ކޮލެޖުން އަބަދު ވެސް ދެކެން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ވައިސް ރެކްޓާގެ މަގާމެއް އުފައްދައި އެ މަގާމަށް އަބްދުﷲ ރަޝީދު ހަމަޖެއްސީ ވެސް، އެ ކޮލެޖުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކޮލެޖުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެވިޑް ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށްޓަކައި އެ ކޮލެޖުގައި ރިސާޗު ސެންޓަރެއް ގާއިމްކުރުމުގެ ކަންކަން ވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށް ދާ ކަން މުޝްތާގު ފާހަގަކުރެއްވި އެވެ.
ވައިސް ރެކްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ އެވިޑް ކޮލެޖުގެ މެނޭޖްމަންޓާއި މުވައްޒަފުން ގުޅިގެން ދަރިވަރުންނަށް ދޭ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ކޮލެޖުން ހެޔޮޮ ބަދަލުތަކެއް ފެންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރިސާޗު ސެންޓަރެއް އަންނަ މަހު ގާއިމްކޮށް، އެ ސެންޓަރުގެ ދިރާސާތަކުގައި އެހީތެރިވާނެ ރިސާޗު ޕެނަލެއް އެކުލަވާލާނެ ކަމަށް ވެސް އެވިޑުން ބުންޏެވެ. އެ ޕެނަލްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޭފުޅުން ހިމެނިވަޑައިގަންނާނެ އެވެ.
ޑރ. އަބްދުﷲ ރަޝީދަކީ މައި ކޮލެޖުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ބޮޑެތި ސްކޫލުތަކުގެ ޕްރިންސިޕަލްކަން ވެސް ގިނަ އަަހަރުތަކެއް ވަންދެން އޭނާ ވަނީ ކުރައްވައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދޭ ޕްރިންސިޕަލުންގެ އެވޯޑު ވެސް އެންމެ ފުރަތަމަ ހޯދާފައިވަނީ އަބްދުﷲ ރަޝީދެވެ.
އެވިޑް ކޮލެޖުގެ ވައިސް ރެކްޓާ އަކަށް ޑރ. އަބްދުﷲ ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ