ގދ. މަޑަވެލީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އެކަމާ އުފާކުރާ ކަމަށާއި، އެކަމަކު އެމަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ނޫން ކަމަށް މަޑަވެލި ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއާއި ވާހަކަ ދައްކަވަމުން މަޑަވެލި ކައުންސިލް ރައީސް ޝާހިދު އަހުމަދު ވިދާޅުވީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާއި މެދު ހިތްހަމަނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި، މަޝްރޫއުތަކާ މެދު ރައްޔިތުން ދެކޭގޮތް ސަރުކާރު އެކި އިދާރާތަކަށް ހުށައަޅާފައިވާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ހިޔާލަށް ބެލުމެއް ނެތި މިސަރުކާރުން ބޭނުންވާ ގޮތައް މަޝްރޫއުތައް ކުރިއަށް ގެންދަނީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން ރަށުގެ ތަރައްގީއަށް އެމްޓީސީސީން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތައް މިހާރު ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތާއި ރަށުގެ ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ. އަލުން އެމަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި، ބަނދަރުގެ މަސައްކަތް ކުރިއަށް ނުދަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް އެމްޓީސީސީއާ ހަވާލާދީ ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރަށް މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ އެރަށް ކައިރީގައި އޮތް ފަޅުރަށެއް ކަމަށްވާ ހާދޫއާ މިހާރު އެއްފަސްގަނޑުން ގުޅުވާލާފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ހުޅަނގު މޫސުން އަންނައިރު އެފަސްގަނޑު އެހެން އޮންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި، އެކަމާ ވެސް ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެރަށުގައި 10 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވީ ނަމަވެސް މިސަރުކާރުން 3.5 ހެކްޓަރުގެ ބިން ހިއްކަން ނިންމީ ކޮން އުސޫލަކުން ކަމެއް ނޭނގޭ ކަމަށެވެ.
ޝާހިދު ވިދާޅުވީ ހިއްކާ ބިމުގައި 22 ހައުސިން ޔުނިޓް އަޅަން މިހާރު ނިންމާފައިވާ ކަމަށާއި، އެކަމަކު އެމަޝްރޫއުގެ އިތުރު މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ދުވެލި ލަސްކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އަބަދުވެސް އުއްމީދު ކުރަނީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ލިބި ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށް ދިއުން ކަމަށާއި އެކަމަކު އަބަދުވެސް ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.
އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މަޑަވެލީގައި މިވަގުތު ހިންގާ ތިން މަޝްރޫއަކީ އެމްޓިސީސީއާ ސަރުކާރުން ހަވާލުކޮށްގެން ކުރިއަށް ގެންދާ 3 މަޝްރޫއު ކަމަށެވެ.
މަޑަވެލީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން: ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ