ޓީޗަރެއްގެ ހިޔާލު؛ އައިވީއެފްއަށް އާސަންދަ ލިބޭ ޝަރުތުތައް ތާކުންތާކުނުޖެހޭ ޓީޗަރެއްގެ ހިޔާލު؛ އައިވީއެފްއަށް އާސަންދަ ލިބޭ ޝަރުތުތައް ތާކުންތާކުނުޖެހޭ

ދަރިމައިވުމާ ގުޅޭ ފަރުވާއެއް ކަމަށްވާ އައީވީއެފްގެ ފަރުވާ، އާސަންދަ ހެލްތު ސްކީމުގެ ދަށުން ހޯދުމަށް މި ސަރުކާރުން ކަނޑައެޅި ޝަރުތުތަކުގެ ތެރެގައި ތާކުންތާކު ނުޖެހޭ ޝަރުތުތަކެއް ހުރި ކަމަށް ބުނެ ރައްޔިތަކު ޝުއޫރު ފާޅުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަމުން ހެންވޭރު ރައްޔިތެއް ކަމަށްވާ ހަދީޖާ ރިފްގާ، އޭނާއަކީ ޓީޗަރެއްކަން ފާހަގަ ކުރައްވައި ބުނީ އައިވީއެފްގެ ފަރުވާއަށް އާސަންދަ ލިބޭ ގޮތަށް މި ސަރުކާރުން ހަދަން ނިންމުމުން ވަރަށް އުފާވި ކަމަށެވެ. ނަމަވެސް، އައިވީއެފްގެ ފަރުވާ އާސަންދައިގެ ދަށުން ލިބޭ މީހުންގެ ހުންނަންޖެހޭ ކަމަށް ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ތާކުންތާކު ނުޖެހޭ ޝަރުތުތައް ހުރިކަމަށް އޭނާ ބުންޏެވެ.
އެގޮތުން، ފިރިމީހާގެ ކުރީގެ ކައިވެންޏަށް ދަރިޔަކު ލިބިފައި ހުއްޓަސް މިހާރުގެ އަނބިމީހާގެ ޝަރުތު ހަމަނުވާކަމަށް ރިފްގާ ބުންޏެވެ. އަދި، އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ހޯދާ މީހުންގެ ވަކި ބަރުދަނެއް ހުންނަންޖެހޭ ގޮތަށް އުސޫލު އެކުލަވާލައިފައި އޮތުމަކީ ވެސް ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބަކީ، އެކި ބަލިތަކާ ގުޅިގެން ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ވަރަށް ގިނަ ބަޔަކަށް އުނދަގޫވެފައިވާ ކަމަށް ރިފްގާ ބުންޏެވެ.
"ވަރަށް ވޭނުގައި އުޅޭތީ ހަމަ ވާނުވާ ނޭނގޭތީ އެކި ޑޮކްޓަރުންނަށް ދައްކަމުން މި ދިޔައީ އައިވީއެފްއަށް ދާން ހިތަށް އަރައިގެން، މި ގޮތަށް ދިޔުމުގެ ތެރޭގައި އަޅުގަނޑަށް ޑައިގްނޯސިސް މިވީ އެންޑޯމެންޓްރިއޯސިސް އަދި އަޑަނޯމައިއޯސަސް އަށާ، ދެން މި ބައްޔަކީ އަސްލުގައި ވަރަށް ވޭންހުރި ބައްޔަކަށް ވާތީ، ދެން އަނެއް ދެ ޕޮއިންޓަކާ ހެދި އަނެއްކާ ނުއެއް ލިބޭ، ވާގޮތަކީ މި ދެ ބަލި ހުންނާތީ އަޅުގަނޑަކަށް ވެއިޓް ލޫޒް ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވޭ، ނުވިތަނަކަށް ހުރިވަރުގައި ހުންނާކަށް ވެސް އެއީ އެހާ ފަސޭހަކަމެއް ނޫން،" ރިފްގާ ބުންޏެވެ.
ރިފްގާ ބުނީ އެންޑޯމެޓްރިއޯސިސް ހުންނަ މީހުން އައިވީއެފް ހެދުމުގެ ކުރިން ވަރަށް އަގުބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ އަގު ބޮޑުކަމުން، އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް އެ ފައިސާ ދެއްކުމަކީ ވަރަށް ދަތިކަމެއް ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން އެ ފަރުވާއަށް އާސަންދައިގެ ތެރެއިން ނަމަވެސް ފަރުވާ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ރިފްގާ އެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ