ލޮނުމެދުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ލޮނުމެދުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

ލޮނުމެދަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާންމު އަސާސީ ކާބޯތަކެތީގެ ތެރޭގައި ގުނައިލެވޭ އެއްޗެކެވެ. ދަނޑުވެރިކަމުގައި ލޮނުމެދު ނުއުފައްދާ ގައުމެއް ވެސް އެހާމެ މަދެވެ. އެންމެންގެ މެދުގައި ވެސް ލޮނުމެދު މަޝްހޫރުވެފައި އޮންނަނީ، ސިއްހަތަށް ނުހަނު ގިނަ ފައިދާތައް ލިއްބައިދޭ ތަރުކާރީއެއްގެ ގޮތުގައެވެ. ކައްކައިގެންނާއި ނުކައްކައި ރޮލާ ކެއުމާއި ލޮނުމެދުން ތެޔޮ ހަދައިގެން އޭގެ ތެޔޮ ބޭނުންކުރުނީ ވެސް ލޮނުމެދުގެ ފައިދާތައް ގިނަކަމުންނެވެ.
ނޭޝަނަލް އިންސްޓިޓިއުޓް ފޯ އިންޓެގްރޭޓިވް މެޑިސިން އިން އޮސްޓްރޭލިޔާގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ލޮނުމެދަކީ ލޭގައި ކޮލެސްޓެރޯލް އެކުލެވޭ މިންވަރު ދަށްކުރުމުގައި އެހީތެރިވެދީފާނެ އެއްޗެކެވެ. އޭގެ އިތުރުން މައިދާގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ލޭ ހޮޅިތައް ހަރުވުމާއި މުރަނަވުމުން ސަލާމަތްކޮށްދޭނެ އެއްޗެކެވެ.
އެކްސްޕެރިމެންޓަލް އެންޑް ތެރަޕުޓިކް މެޑިސިން ކިޔާ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާ ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ލޮނުމެދަކީ ފިޔާ އާއިލާގެ އަދި ފިޔަޔާ ވަރަށް ގާތްކަމެއް ހުންނަ ތަރުކާރީއެކެވެ. އަދި ކުދިފިޔަޔާއި ލީކްސްއާ ވެސް ވަރަށް ބޮޑު އާއިލީ ގުޅުމެއް ހުންނަ ތަރުކާރީއެކެވެ. އޭގެ އިތުރުން ލޮނުމެދަކީ، އިންސާނުންގެ ދުޅަހެޔޮކަން އިތުރުކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދިނުމުގެ ބާރު އެކުލެވިފައިވާ ތަރުކާރީއެއްގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ އެއްޗެކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ލޮނުމެދަކީ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން ހިތުގެ ބަލިތަކާއި މެޓަބޮލިކް ޑިސްއޯޑާ އާއި ހަކުރުބަލި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ ނުރައްކާވެސް ކުޑަކޮށްދޭ އެއްޗެކެވެ. ސައެންސްވެރިން ބުނާ ގޮތުގައި ލޭގެ ޕްރެޝަރު މަތީގައި ހުންނަ މީހުން ލޮނުމެދު ކެއުމުން، ޕްރެޝަރު ބޭސް ކެއުމުން ލޭގެ ޕްރެޝަރު ދަށްވާ މިންވަރަށް، ލޭގެ ޕްރެޝަރު ދަށްކުރެވެއެވެ.
ކެއުމުގެ ތެރޭގައި ލޮނުމެދު ބޭނުންކުރުމުން، ފުރަމޭގައި ސަރުބީ ޖެހުން ހުއްޓުވައި، ފުރަމޭގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދެއެވެ. އޭގެ އިތުރުން ދިގުދެމިގެންދާ ބަލިތަކުން މީހާ ދުރުކޮށްދީ ދިފާއީ ނިޒާމުގެ ބާރު ގަދަކޮށްދެއެވެ. އަދި ޒާތްޒާތުގެ ބޭސްތަކާ ނުލައި، ޖަރާސީމުތަކާއި ވައިރަސްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް، ހަށިގަނޑުގައިވާ ގުދުރަތީ ދިފާއީ ނިޒާމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން މި ދިރާސާގައި ބުނެފައިވާ ގޮތުން ކިޔޮލީ އޭޖްޑް ގާލިކް އެކްސްޓްރެކްޓް – އޯގަނިކް ވަސީލަތްތަކުން 20 މަސް ވަންދެން ހައްދައިގެން އުފައްދާ ލޮނުމެދުގެ އަރަގު – ބޭނުންކުރުމުން ހިތުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އެއީ އެ ބޭނުންކުރުމުން، ލޭ ހޮޅިތަކުގެ ހަރުކަން ފިލައި، ލޭގައި ކޮލެސްޓެރޯލް އެކުލެވޭ މިންވަރު ދަށްވެ، ލޭގެ ތަތްކަން ދަށްވާތީއެވެ.
ސައެންސްވެރިން މި ދިރާސާ ހެދީ، ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންނަށް ލޮނުމެދު ދިނުމުން، އެމީހުންގެ ލޭގެ ޕްރެޝަރަށާއި ލޭހޮޅިތަކުގެ ހަރުކަމަށާއި މައިދާގެ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. މި ދިރާސާގައި ސައެންސްވެރިން ތަހުލީލުކޮށް ދިރާސާ ކޮށްފައިވަނީ، ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލަ ހުންނަ 553 މީހަކުގެ މައުލޫމާތު ހިމަނައިގެން ހަދާފައި އޮތް 12 ދިރާސާއެކެވެ.
އެހެންކަމުން، ދުވަހުގެ ކޮއްތު ތައްޔާރުކުރާ އިރު، ލޮނުމެދު ފިޔާ ފަދަ ތަކެތި ބޭނުންކުރުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މުހިންމު ކަމެކެވެ. ޒަމާނީ ސައެންސްގެ އެހީގައި މިފަދަ ދިރާސާތާ ކުރުމުގެ މާ ކުރިން، އެވޭލާ ޒަމާންތަކުގައި ވެސް، ލޮނުމެދާއި ފިޔައަކީ ހަށިގަނޑު ވަރުގަދަކޮށް ޒުވާންކަންމަތީ ދެމިތިބުމަށް ބޭނުންކުރި އާންމު ކާނާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ