ނާސިރާއި މައުމޫން ދުއްވެވި ތާރީހީ ކާރެއް އައިބޭގައި ވިއްކާލަނީ

ރާއްޖޭގެ ކުރީގެ ދެ ރައީސަކު ރަސްމީ ދަތުރުފުޅުތައް ކުރެއްވި ތާރީހީ ކާރެއް އައިބޭގައި ދެ މިލިއަން ރުފިޔާ އަށް ވިއްކާލަން އިއުލާންކޮށްފި އެވެ.
ސ. ހިތަދޫގައި އޮތް އެ ކާރަކީ 1956 ގައި އެމެރިކާގައި އުފައްދާފައިވާ "ޝެވްރޮލެޓް 350" މަރުކާގެ ކާރެކެވެ.
ކުރީގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޑޫގައި ވަރަށް ގިނަފަހަރު ބޭނުންކުރެއްވި ކާރު، ރާއްޖޭގައި މުދާ ވިއްކާ އޮންލައިން ވެބްސައިޓް އައިބޭގައި ވިއްކާލަން އިއުލާންކުރި ފަރާތުން ބުނީ ކާރު ވިއްކާލެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
އޭނާ ބުނީ މިހާރު ވެސް ރަނގަޅު ކޮންޑިޝަނެއްގައި އޮތް ހިތްގައިމު އަދި ޝާހީ ގޮތްގޮނޑެއް ވެސް ހުރި އެ ކާރަކީ ހިތަދޫ މީހަކު ނީލަމުގައި ގަނެފައި އޮތް ކާރެއް ކަމަށެވެ. އަދި އެ ކާރު ނީލަމުގައި ވިއްކާލީ ގަމުގައި ހިންގި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) އިން 1980 ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ. ކާރު އައިބޭގައި ވިއްކާލަން ހުށަހަޅާފައި ވަނީ 2،000،000ރ. އަށެވެ.
"އެ އަގުގައި ކާރު ވިއްކާލަން އަޅުގަނޑުމެން ހުށަހެޅީ އެއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ އަދި ތާރީހީ ގޮތުން ވެސް ފާހަގަކޮށްލެވޭ ކުރީގެ ދެ ރައީސަކު ދުއްވެވި ކާރު ކަމަށްވާތީ،" އޭނާ ބުންޏެވެ. "އައިބޭ އަށް ލި ފަހުން ވަރަށް ގިނަ ބަޔަކު ގުޅާފައި ކާރާ ބެހޭ މައުލޫމާތު ހޯދާ. މީގެ މި ކާރާ ބެހޭ މައުލޫމާތު ލަންކާ ބަޔަކަށް ލިބިގެން އެ މީހުން އޭތި ގަންނަން ފުދޭ ވަރެއްގެ ބޮޑު އަގެއް ވެސް ހުށަހެޅި. އެކަމަކު ކާރުގެ ވެރި ފަރާތުން ވިއްކާލަން ބޭނުން ނުވެގެން ބާއްވާފައި އޮތީ. އެހެން ނަމަވެސް އައިބޭ އަށް ލި ފަހުން އިހަކަށް ދުވަހު ވެސް މާލޭގެ ވިޔަފާވެރިއަކު ގުޅާފައި ކާރާ ބެހޭ މައުލޫމާތު އޮޅުންފިލުވި. އޭނާ ބުނި ދެ ތިން ދުވަހެއްގެ ތެރޭގައި ކާރު ބަލާލަން އައްޑު އަށް އަންނާނެ ކަމަށް ވެސް.
ކާރު ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ފަރާތުން ބުނީ އައިބޭގައި 2،000،000ރ. އަށް ކާރު ވިއްކާލަން ހުށަހަޅާފައި އޮތް ނަމަވެސް 1.5 މިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަގަކަށް ކާރު ވިއްކާ ނުލާނެ ކަމަށެވެ.
"ހަގީގަތުގައި ކާރުގެ ވެރި މީހާ ވެސް ބޭނުމެއް ނުވޭ ކޮންމެހެން ކާރު ވިއްކާލާކަށް. އެހެން ނަމަވެސް ބޭނުން ނުކޮށް ބާއްވާފައި އޮތުމުން ވީރާނާވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތީމަ ބޭނުން ކުރެވޭނެ ގޮތެއް ހަދަންވެގެން އަސްލު ވިއްކާލަން ނިންމީ،" އޭނާ ބުންޏެވެ. "ކާރުގެ ރަޖިސްޓްރޭޝަން ބޯޑެއް ވެސް ނެތް. އެހެން ނަމަވެސް ނީލަމުގައި ކާރު ގަތް މީހާގެ އަތުގައި ކާރާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެބަހުރި."
އޭނާ އަދި ބުނީ އެ ކާރަކީ މިހާރު ވެސް ކުދިކުދި މަރާމާތުތަކެއް ކޮށްލައިގެން ދުއްވާލެވޭނެ ކާރެއް ކަމަށެވެ. އަދި އެ ބްރޭންޑްގެ ކާރުތަކުގެ ސްޕެއާ ވެސް ލިބެން ހުރި ކަމަށް އޭނާ ބުންޏެވެ.
"ކާރު އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށް. ކާރުގެ ސީޓްތަކާއި އެހެން ހުރިހާ އެއްޗެއް ވެސް ހަމަ އެންމެ ކުރިއެކޭ އެއްގޮތަށް އޮތީ. ކާރުގެ އޭސީ ވެސް ބަރާބަރު. ކާރުގެ އިންޖީނު ވެސް ހަމަ ރަނގަޅު. އަޅުގަނޑުމެން ވެސް ދޭތެރެއަކުން ކާރު ނެރެލައިގެން ސްޓާޓްކޮށްލައިގެން ކުޑަކުޑަކޮށް މީގެ ކުރިން ދުއްވާ ހަދާލަން،" އޭނާ ބުންޏެވެ. "މިހާ ދުވަސްވީއިރު ކާރު ހަމަ ވަރަށް ރަނގަޅު ކޮންޑިޝަނެއްގައި އޮތީ. އެކަމަކު ކާރުގެ ކުލައަށް މިހާރު އޮތީ ބަދަލު ގެނެސްފައި. އަސްލު އެ ކާރުގައި ކުރިން ހުރީ ކްރީމް ފާޑުގެ ރީނދޫ ކުލައެއް،" އޭނާ ބުންޏެވެ.
އޭނާ ބުނީ ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު ނާސިރު ގަމަށް ވަޑައިގެން އަމިއްލަ އަށް ދުއްވެވި ކާރު، ނާސިރުގެ ވެރިކަން ބަދަލުވި ފަހުން މައުމޫން ވެސް އައްޑު އަށް ކުރެއްވި ދަތުރުފުޅުތަކުގައި ބޭނުން ކުރެއްވި ކަމަށެވެ. އަދި ފަހުން ކާރު އޮތީ އޭޑީއޭގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ކާރު ވިއްކާލާ ފަރާތުން ބުންޏެވެ.
"ކާރު ނީލަމުގައި ގަތް މީހާއަކީ އިނގިރޭސީންގެ ޒަމާނުގައި އެ މީހުންގެ މަސައްކަތުގައި ގަމުގައި އުޅުނު މީހެއް. މިހާރު ވެސް އޭނާ ދުނިޔޭގައި އެބަހުރި. އެކަމަކު ބަލިވެގެން މި ވަގުތު ހުރީ މާލޭގައި،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ