އިސްލާހު ނުވާ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑްކުރަންޖެހޭ: ސީއެޗްއާރްއައި
ކޮމަންވެލްތުން ރާއްޖެއަށް ހުށަހަޅާފައިވާ އިސްލާހީ ޝަރުތުތަކަށް އަމަލްނުކުރާ ނަމަ އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑްކުރަން ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރްއައި) އިން ހުށަހަޅައިފި އެވެ.ކޮމަންވެލްތުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސީއެޗްއާރްއައިގެ ފެކްޓް ފައިންޑިން މިޝަނުން ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި އެކަން ބަދަލުކުރަން ކޮމަންވެލްތުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރާއި އެކި މުއައްސަސާތަކަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ.ސީއެޗްއާރްއައި އިން ކޮމަންވެލްތަށް ހުށަހެޅި ކަންކަމުގެ ތެރޭގައި، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ޑިމޮކްރަސީ އަށް ނުރައްކާވާ ގޮތަށް ރާއްޖޭގައި ކުރާ ކަންކަން ކޮމަންވެލްތުން ތަހުގީގުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ގާނޫނުތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލުކުރުމާއި ދައުލަތުގެ ބާރުތައް އެކުވެފައި އޮތުމާއި ކޮމަންވެލްތުގެ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ސީއެޗްއާރްއައި އިން ވަނީ ކޮމަންވެލްތަށް ލަފާ ދީފަ އެވެ.މީގެ އިތުރުން ރާއްޖޭގެ ހާލަތާ މެދު ފާރަވެރިވެ، ހާލަތު އިތުރަށް ގޯސްވެގެންދާ ނަމަ ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭ ގޮތުން، ޖަލުގައި ތިބި ސިޔާސީ ބޭފުޅުން އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރަން ބާރުއެޅުމަށް ސީއެޗްއާރްއައި އިން ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލައިފަ އެވެ. ސިޔާސީ ބޭފުޅުންގެ އިތުރުން ގާނޫނާ ހިލާފަށް ނުވަތަ ގާނޫނީ އިމުގެ ބޭރުން އަދަބު ލިބެމުންދާ އެންމެން ދޫކޮށްލުމަށް ވެސް ވަނީ ބުނެފަ އެވެ. "މިކަންކަމުގައި ރާއްޖެއަށް އެހީވުމަށް، ސިވިލް ސޮސައިޓީ އަށް އެހީތެރިކަން ދިނުން ކުރިއަށް ގެންގޮސް މުއައްސަސާތައް މިނިވަންކަމާ އެކު ހިންގުމަށް އެހީތެރިކަން ދިނުމުގައި ދެމިތިބެން ޖެހެ އެވެ،" އިއްޔެ ޝާއިއުކުރި ރިޕޯޓްގައިވާ ހުށަހެޅުންތަކުގައި ބުނެފައިވެ އެވެ.ދައުލަތުގެ ބާރުތައް ވަނީ އެކުވެފައި ކަމަށާއި އެކަން ނިމުމަކަށް ގެނެސް އިންސާނީ ހައްގުތައް ކަށަވަރުކޮށް ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ކުރިމަތިވާ ނުރައްކާތައް ނައްތާލަން ސަރުކާރުން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 22-26 އަށް ރާއްޖެއަށް ޒިޔާރަތްކުރި ފެކްޓް ފައިންޑިން މިޝަނުން ވަނީ ބުނެފަ އެވެ. "ސިޔާސީ ގައިދީން ދޫކޮށްލައި ފުލުހުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ޖުޑީޝަރީ އޮތް ދަށް ހާލަތުން ސަލާމަތްކޮށް މިނިވަންކޮށް ތަފާތުކުރުންތައް ނައްތާލުމަށް" ސަރުކާރުން މަސައްކަތްކުރަން ޖެހޭ ކަމަށް މިޝަނުން ބުންޏެވެ. އަދި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވައި ދީނީ އަދި ސިޔާސީ ޖަމާއަތްތަކުން މީހުންނަށް ބިރުދައްކައި ވަގަށް ނެގުން ފަދަ ކަންކަން ތަހުގީގުކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. ރާއްޖެއިން ފާހަގަވި ކަމަށް ފެކްޓް ފައިންޑިން މިޝަނުން ބުނެފައިވާ ކަންކަން؛ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ހުރުންސިޔާސީވެ ވަކި ފަރާތަކަށް ޖެހިފައިވާ ހަރުކަށި ޖުޑީޝަރީއެއްއެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ފަދަ މިނިވަން މުއައްސަސާތަކުގެ ވާޖިބު އަދާ ނުކުރެވުންދީނީ ގޮތުން ހައްދުފަހަނަޅައި ދިއުން އިތުރުވެ ޑިމޮކްރަސީ އަށް ނުރައްކާވުންކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި އެ ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމި ނަމަވެސް ރާއްޖޭގެ ހާލަތު އޭޕްރީލް މަހު އަލުން ވަޒަންކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ