ފަހަތުން އަރާ ދިއްދޫއިން ހަނިމާދޫއާ އެއްވަރުކޮށްފި

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ދިއްދޫ އަދި ހަނިމާދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ފުރަތަމަ މެޗުން ކުޅުދުއްފުށި އަތުން މޮޅުވެފައި އޮތުމުން މިއަދުގެ މެޗަށް ހަނިމާދޫ ނުކުތްއިރު ވެސް އެޓީމަށް ފައިނަލް އޮތީ ޔަގީންވެފަ އެވެ.
މިމެޗުގައި ދެޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗު ނިމުނީ 2 - 2 ން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހަނިމާދޫއިންނެވެ.
މެޗުގެ 11 ވަނަ މިނެޓުގައި އުފާލް އަބްދުﷲ އެޓީމަށް ލީޑު ނަގައިދިންއިރު މެޗުގެ 28 ވަނަ މިނެޓުގައި ނާއިލް ޔޫސުފް ހަނިމާދޫގެ ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފު ނިމުނީ 2 - 0 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ގިނަ ވަގުތު ލީޑުގައި އޮވެ ހަނިމާދޫއިން މޮޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފު ކުޅުން ރަނގަޅުކޮށް މެޗުގެ 68 ވަނަ މިނެޓުގައި ންވަބްއިސީ ބެނާޑްގެ ލަނޑުން ދިއްދޫއިން ފަރަގުކުޑަކުރި އެވެ.
އަދި މެޗުގެ ފަހު މިނެޓުގައި އާދަމް ނަސީމް ވަނީ ލަނޑެއް ޖަހާ ފަހަތުން އަރާ ދިއްދޫއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ހަނިމާދޫގެ އުފާލް އަބްދުﷲ އެވެ.
ނޯތު ރީޖަން ކޮލިފަޔާސްގެ ފައިނަލުގައި ވެސް ވާދަކުރާނީ މި ދެޓީމެވެ. ބީއެމްއެލް ނޯތު ރީޖަން ލީގުގައި ވާދަކުރާ ހަތަރު ޓީމު ވެސް މިހާރުވަނީ ޔަގީންވެފަ އެވެ. އެއީ ހަނިމާދޫއާއި ދިއްދޫގެ އިތުރުން ނ. މަނަދޫ އަދި ބ. އޭދަފުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ