އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަން ބަދަލު ނުވެދާނެކަމުގެ ކަންބޮޑުވުން ކަމަށާއި މިހާރުގެ ޕީއެންސީ ވެރިކަން ކޮންމެހެން ވެސް ބަދަލުކުރާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ގެނެވުނީ ބޮޑު ބަދަލެއް ކަމަށާއި އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބާރުތައް ދޫކޮށްލެއްވީ އެ މަނިކުފާނު ބޭނުންވާ މިންވަރަށް ކަމަށެވެ. ނަމަވެސް 18 އަހަރުފަހުން މިހާރު އަޑުއިވެނީ އެ ބަދަލުތަކުގެ ޝަކުވާތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަން ބަދަލު ނުވެދާނެކަމުގެ ކަންބޮޑުވުން. އަމަލުކުރަމުން މިދާ މުޒާހަރާ ގާނޫނުއަސާސީ އަޅުގަނޑުމެން ލިބިގަތީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު. އެއަށްފަހުގައި އަޅުގަނޑުމެން އަބަދުވެސް ފާރަވެރިވެ މި ތިބެނީ އެއްވެސް ވެރިޔަކަށް ތާއަބަދަށް ހުންނެވޭނެ ގޮތަށް ބަދަލު ނުކުރެވޭނެ ގޮތް އަޅުގަނޑުމެން ހޯދަމުން. މިހާރުގެ މި ޕީއެންސީ ވެރިކަން އަޅުގަނޑުމެން ކޮންމެހެން ވެސް ބަދަލުކުރާން ޖެހޭ،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރަށްވުރެ މާބޮޑު ތަނަވަސްކަމެއް، މިހާރަށްވުރެ މާބޮޑު އުފާވެރިކަމެއް ގެނެވެން އެބައޮތް ކަމަށާއި އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބަކަށް އަމާޒު ހިފާން ޖެހޭ ކަމަށެވެ. އަދި ސަރުކާރު ބަދަލުނުވެ 2028 އައުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވާދަކުރައްވަނީ އެމްޑީޕީގެ ވެރިންނާ ނޫން ކަމަށާއި ވާދަކުރައްވަނީ އިދިކޮޅު ޕާޓީއާ ކަމަށެވެ. އަދި އެކަމުގައި އިތުރު ހިޔާލެއް ނުކުންނަންވީ ސަބަބެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ، ރާއްޖެއަށް ހެޔޮ އެދޭ ނަމަ، ޕީއެންސީ މަޖިލިސް މެންބަރުން ޕީއެންސީ ދޫކޮށްލުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަކީ ރައްޔިތުންނަށް ކޮންމެހެން ކޮށްދޭންޖެހޭނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަން ބަދަލު ނުވެދާނެކަމުގެ ކަންބޮޑުވުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ