ހުރިހާ ފޮއްޓެއްގެ ވޯޓް އަލުން ގުނުމަށް ވާނީ ކޮމިޝަންގައި އެދިފައި: ގާސިމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ލީ ހުރިހާ ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާނެ ކަމަށް ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ބުދަދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވޯޓުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ޝައްކުކުރެއްވޭ ކަމަށެވެ. އެގޮތުން މަރުވެފައި ތިބި މީހުން ލިސްޓުގައި ތިބުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހާޒިރުކުރަން ޖެހޭ ފަރާތްތަކުގެ ހާޒިރުގައި ހުރިހާ ފޮއްޓެއްގެ ނަތީޖާ އަލުން ގުނައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ބުދަދުވަހު އެދިފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
" އަޅުގަނޑުމެން މިއަދު ވާނީ ސިޓީ ފޮނުވާފައި އަޅުގަނޑުމެންނަށް ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނައި ރީ ޗެކްކޮށްދޭށޭ ގާނޫނުގައިވާ ގޮތުގެ މަތިން، ގާނޫނާ އެއްގޮތަށް އެތަނަށް މީހުން ހާޒިރުކޮށް ދެއްވައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންނަށް ޝައްކު އުފެދިއްޖެ ވަރަށް މަތީ ދަރަޖައަކަށް. ވޯޓް ޕްރިންޓްކޮށްފައި އެބަހުރި. މަރުވެފައިވާ މީހުން ޑަބަލްކޮށްލާފައި އެބަހުރި. މަނިކުފާނު [ފުއާދު ތައުފީގު] ގެ އަމިއްލަ އިއުތިރާފުން ވެސް އެތައް ހާސް މީހުން ބަދަލުކުރި ކަމަށް ވިދާޅުވެފައި އެބަހުރި،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އަދި ހައި ކޯޓުން ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ސުޕްރީމް ކޯޓަށް ދާނެ ކަމަށާއި އެ ކޯޓުން ކޮންމެ ގޮތަކަށް ނިމުނަސް އެ ނިންމުމަކަށް އިހްތިރާމްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތަކާ ގުޅޭ އެފަދަ މައްސަލަތައް ނިންމުމުގައި ކޯޓުތަކުން ލަސްނުކުރާނެކަމުގެ ޔަގީންކަން އޮވެ އެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ މިއަދާ ހަމައަށް ވެސް ނަގަހައްޓަމުން އައީ ޝަރުއީ ދާއިރާ އިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަރީއަތުގެ މަރުހަލާ އޮންނަ ގޮތުން ހައި ކޯޓުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ދެން އަޅުގަނޑުމެން ދާނީ ސުޕްރީމް ކޯޓަށް. ސުޕްރީމް ކޯޓުން ނިންމީމާ ދެން އިތުރަށް އަޅުގަނޑުމެން އެއްވެސް ވާހަކައެއް ދެއްކުމެއް ނޯންނާނެ. އެއީ ކޮންމެ ގޮތަކަށް ނިމިގެން ދިޔަޔަސް. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުން[ފަނޑިޔާރުން] މާތްﷲ ގަންދީކޮށްގެން ތިބި ހުވަޔާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ގޮތަށް އެއްވެސް ހުކުމެއް ނުކުރާނެކަން އަޅުގަނޑު ކަށަވަރުކުރަން ހަމަ ގައިމު ވެސް" ގާސިމް ވިދާޅުވީ އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލް ވޯޓުލެއްވީ ކާކަށްކަން ހާމަކޮށް، ޓްވީޓް ކުރައްވާފައިވާތީ އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ ބޭފުޅަކު ކޮމިޝަންގެ ގާނޫނީ ވަކީލްގެ ހައިސިއްޔަތުން ނިންމާ ނިންމުމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް އެ އިޝާރަތްކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދަށެވެ. ސުއޫދު ވަނީ އެދުވަހު އޭނާ ވޯޓު ލެއްވީ ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފަ އެވެ. އެކަމަކު ފަހުން އެ ޓުވީޓް ފޮހެލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ