ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އިއްޔެ ރޭ ރާއްޖެ ވަޑައިގެންފައިވާއިރު އޭނާގެ އެއްވެސް މައްސަލައެއް މިހާރު ފުލުސް އޮފީހުގައި ނެތް ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަމީދު ހައްޔަރުކުރުމުގެ އެއްވެސް އަމުރެއް ވެސް މިވަގުތު ފުލުސް އޮފީހުގައި ނެތެވެ. އެކަމަކު ކުރިން އެފަދަ އަމުރެއް އޮތް ނޫންތޯ ދެންނެވުމުން އޮފިޝަލް ވިދާޅުވީ އެ "އަމުރު އޮތީ ވަކި މުއްދަތަކަށް" ކަމަށެވެ.
މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ދިރިއުޅުއްވުން ސްރީ ލަންކާ އަށް ބަދަލުކުރެއްވުމަށް ފަހު ހަމީދު މާލެ ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ދުވަސްވަރު އުފުލި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި އަދިވެސް އެބަ އޮތެވެ. އަދި ހަމީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ސެޕްޓެމްބަރު 2011 ގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ.
ހަމީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ކައިރީ އެދުމުން އޭނާ އަކީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ކުރިން ކޯޓުން ބުނެފައިވެ އެވެ.
ހަމީދުގެ ދަރިކަލުން އަދި ގާނޫނީ ވަކީލު ޝާހީން ހަމީދު އިއްޔެ ވިދާޅުވީ އޭނާގެ ބައްޕަގެ މައްޗަށް ކުރަނީ "ސިޔާސީ ދައުވާއެއް" ކަމަށާއި ބައްޕާފުޅު މާލެ ވަޑައިނުގެން މަޑުކުރެއްވީ ވެސް އެހެންވެ ކަމަށެވެ.
"އެއީ ސިޔާސީ ގޮތުން ތާކުންތާކު ނުޖެހޭ ދައުވާއެއް. އެހެންވެ ސިޔާސީ ކަންކަން ]ކުރިން[ ހުރި ގޮތުން އަދި މަންމަ އާލާސްކަންފުޅާ އުޅުއްވާތީ ބައްޕަ ރާއްޖެ ވަޑައިނުގެން ހުންނެވީ. މަންމަ މިހާރު ނިޔާވެއްޖެ. އެހެންވެ އިތުރު ކަންތައްތަކެއް ނުހުންނާނެތީވެ މާލެ ވަޑައިގަތީ،" ޝާހީން ވިދާޅުވި އެވެ.
އަބްދުﷲ ހަމީދުގެ އެއްވެސް މައްސަލައެއް ފުލުސް އޮފީހުގައި ނެތް: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ