އައްޑޫގައި ކަރަންޓް ކަނޑާލުމުން ގުޅައިދޭ އަގު ބޮޑެއް ނުކުރޭ: ފެނަކަ

އައްޑޫގައި ކަރަންޓް ބިލް ނުދައްކައިގެން ހިދުމަތް މެދުކަނޑާލުމުން، އަލުން ގުޅައިދޭ އަގު މި މަހުން ފެށިގެން 25ރ. އިން 50ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ބުނެ ގޭގެއަށް ނޯޓިހެއް ފޮނުވުނީ އޮޅުމަކުން ކަމަށާއި ކަރަންޓްގެ އަގަށް ވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެހެން ނަމަވެސް އައްޑޫގެ ބައެއް ގޭގެ އަށް އެ ކޯޕަރޭޝަނުން ފޮނުވި ނޯޓިހުގައި ބުނީ ކަރަންޓް ބިލް ނުދައްކައިގެން ހިދުމަތް މެދުކަނޑާލުމުން، އަލުން ގުޅައިދޭ އަގު މި މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމީ ފެނަކައިގެ ހުރިހާ ކަސްޓަމަރުންނަށް އެއް އުސޫލަކުން ހިދުމަތް ފޯރުކޮށް ދޭން ކަމަށެވެ.
އެކަމަކު ފެނަކައިގެ ރީޖަނަލް ޑައިރެކްޓަރު ހުސެން ޒަރީރު ސޮއި ކުރައްވައި ނެރުއްވި ލިއުމެއްގައި ބުނެފައި ވަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ކަރަންޓް ބިލް ނުދައްކައިގެން ހިދުމަތް މެދުކަނޑާލުމުން، އަލުން ގުޅައިދޭ އަގު މި މަހުން ފެށިގެން 50ރ. އަށް ބޮޑުކުރި ކަމަށް ބުނެ ގެތަކަށް ފޮނުވި ނޯޓިހަކީ ކުންފުނީގެ ކަސްޓަމާ ސާވިސް ޑިޕާޓްމަންޓަށް އެރި އޮޅުމަކުން ފޮނުވުނު އެއްޗެއް ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
އެހެންވެ ކުރިއެކޭ އެއްގޮތަށް ރިކަނެކްޝަން ފީގެ ގޮތުގައި މިހާރު ވެސް ނަގާނީ 25ރ. ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ ކަރަންޓް ހިދުމަތް މޯލްޑިވްސް ވޯޓަ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ