ރިޔާސީ އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ކޯޓުގެ ބެންޗަށް އިސްލާހު ގެނެސްގެން ނަމަވެސް ކޯޓާ މެދު ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހިފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "އެއްބުރުން" ކެމްޕޭން ފެށުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އެއްވުމުގައި ތަސްމީން ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު އޭގެ ތެރޭގައި ކޯޓުތަކާއި ޖުޑިޝަރީ އަށް ގެންނަ ޖެހޭ އިސްލާހުތައް ގެނައުމަކީ އިސްކަންދީގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަންކަން އިސްލާހުކޮށް، ސުޕްރީމް ކޯޓާ މެދު ރައްޔިތުންގެ އިތުބާރު ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގެންނަން ޖެހޭ އިސްލާހުކަމުގައިވިއަސް އެއީ ސުޕްރީމް ކޯޓުގެ ބެންޗަށް ގެންނަން ޖެހޭ އިސްލާހުތައް ކަމަށްވިއަސް އެއަށްވުރެ މުހިއްމު ކަމެއް ނެތް ޑިމޮކްރެޓިކް ނިޒާމު ހެޔޮ ގޮތުގައި ހިންގުމަށް އިސްކަންދޭންޖެހޭ. އެ މަސައްކަތް ބާރަށް ކުރަން އެބަޖެހޭ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެއްގޮތަށް ސުޕްރީމް ކޯޓަށް އިތުބާރުނުކުރައްވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ޔަގީންކަމާ ކަށަވަރުކަން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ފަނޑިޔާރު އަލީ ހަމީދާ ދޭތެރޭގައި ކުރެވިފައިވާ ޖިނާއީ ތުހުމަތުތައް އިތުބާރު ހުރި ގޮތެއްގައި ތަހުގީގުކޮށް، އެ މައްސަލަތައް ނިންމައި އަވަހަށް ފިޔަވަޅު އެޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އަދި މިކަން ކުރަންދެން އެ ފަނޑިޔާރު ]އަލީ ހަމީދު] ހުންނަވާކަށް ވެސް ނުޖެހޭ. އެމަނިކުފާނު އެ ތަމްސީލްކުރައްވާ މުއައްސަސާގެ ގަދަރަށްޓަކައި ރަނގަޅަށްޓަކައި އެމަނިކުފާނު އެބަޖެހޭ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ދުރަށް ވަޑައިގަންނަވަން،" ކަސްބީ އަންހެނުންތަކަކާ އެކު ބަދަލުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯ އާއްމުވެފައިވާ މައްސަލާގައި އަލީ ހަމީދަށް ފާޑުވިދާޅުވެ ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ވަރަށް ކަންބޮޑުވާ ނިންމުމެއް ކަމަށެވެ. އެ މައްސަލަ ނިންމުމުގައި ބެއްލެވި އިޖުރާއާތުތަކާއި ހުކުމުގައި ގަބޫލުކުރަން އުނދަގޫ އެތައް ކަމެއް ހިމެނިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނާ ވިސްނާ އެ ކަންތައްތައް ދެކޮޅު ޖައްސަން ވެސް އުނދަގޫ ކަންތައްތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިވަނީ އެ ކަންތައްތަކާ އެކުގައި އުޅެން ޖެހިފައި،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި 20،000 ވޯޓު އޮޅުވާލާފައިވާ ކަމަށް ކުރިން ބުނަމުންދިޔަ ނަމަވެސް ހުކުމް އައިރު ފާހަގަކޮށްފައި ވަނީ 5،000 މައްސަލަ އެވެ. އެ މައްސަލަ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ގުޅުން ހުރި މައްސަލަތަކެއް ނޫން ކަމަށާއި އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ވަރުގެ ކަންތައްތަކެއް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްދެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެމްޑީޕީ އަށް އިންތިހާބުގައި ލިބިފައިވާ ވޯޓުގެ ދަރަޖައަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މުއްދަތެއް ނެތި ފަސްކޮށްފައިވާ އިންތިހާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ފަހިވެފައި ވަނީ ޑިމޮކްރަސީ އަށް ލޯބިކުރާ ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުންނެވެ. މި މަހުގެ 19 ގައި އިންތިހާބު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އެކަން އެހެންވީ ރައްޔިތުންގެ އިހްސާސްތައް އަޑުއިއްވައިގެން ކަމަށާއި އެކަން އެގޮތަށް ނުކުރި ނަމަ އިންތިހާބުގެ ތާރީހެއް ލިބިގެން ނުދިއުމަކީ ކައިރީގައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ތާރީހެއް ހޯދުމަށް އަޑުއުފުލައި މަސައްކަތް ކުރި މީހުންނަށް ތަސްމީން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ބެންޗަށް އިސްލާހު ގެނެސްގެން ނަމަވެސް ސުޕްރީމް ކޯޓުގެ އިތުބާރު ދަމަހައްޓަންޖެހޭ: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ