އުމަރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި
ހޯމް މިނިސްޓަރު އުމަރު ނަސީރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަން "ހަވީރަ" ށް އެނގިއްޖެ އެވެ. މި އަމުރާ ގުޅޭ ގޮތުން ކްރިމިނަަލް ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ. އަދި ފުލުހުން ވެސް ރަސްމީކޮށް ނޫހަށް އެއްޗެއް ނުބުނެ އެވެ. މިއީ މިނިސްޓަރަކު ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.އުމަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ދައުލަތުގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. ނަމަވެސް އެ ދައުވާ އަށް އުމަރު އިންކާރު ކުރައްވަ އެވެ.މި މައްސަލާގައި މިދިޔަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އުމަރު ކޯޓަށް ވަޑައިނުގަތުމުންނެވެ. އޭރު އޭނާ ހުންނެވީ ރަސްމީ ދަތުރެއްގައި ނެދަލެންޑްސްގަ އެވެ. އިއްޔެ ބާއްވަން އޮތް އަޑުއެހުން ކެންސަލްކުރި ސަބަބު ސާފުނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ޝަރީއަތް އަންނަ އަންގާރަ ދުވަހުގެ ފަހުގެ ތާރީޚަކަށް ތާވަލްކޮށް ދިނުމަށް އުމަރުގެ ފަރާތުން ކޯޓަށް ވަނީ ސިޓީ ވެސް ފޮނުވައިފި އެވެ.އުމަރު ނެދަލެންޑްސް އަށް ވަޑައިގަތީ މަސްތުވާތަކެތި އަތުލައި ގަތުމަށް ބޭނުންކުރާ ކުއްތާތައް ހޯދުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއް ސަމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ