ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ ޕީޕީއެމްގެ ތެރެއަށް ކާފިއުއެއް ގެންނަވާފައިކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް އަމާޒްކޮށް ނިހާން މިހެން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕާއި ބައެއް ވަޒީރުން ރައީސް ޔާމީންގެ ދިފާއުގައި މިވަގުތު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕާއި ގުޅޭގޮތުން ރައީސް މައުމޫން ރޭ ދެއްވާފައިވާ ބަޔާނުގައި ހައްދަވާފައިވަނީ މުޅިންވެސް އިތުރުފުޅުކަމަށެވެ.
ނިހާން ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕް ހިނގަމުން ދަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާން ކުރާގޮތަށްކަމަށާ އޭނާ އަމަލްކުރަމުންދަނީ އުސޫލްތަކާއި ހިލާފަށްކަމަށް ރައީސް މައުމޫން ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި މައުމޫން ޕީޖީ ގުރޫޕަށް ފޮނުވާ އެސްއެމްއެސްތަކާއި، ސިޓީތައް ޕީޖީ ގުރޫޕަށް ހިއްސާކުރަމުންދާކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ނިހާން ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނިހާން ވަނީ މައުމޫން ޕީޕީއެމްގެ ތެރެއަށް ކާފިއުއެއް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ހިންގުން މައުމޫން ހުއްޓުވާފައިވަނީ ވަރަށް ހަމަނުޖެހޭގޮތަކަށްކަމަށާ އެކަން ގަބޫލްނުކުރައްވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މައުމޫން ވިދާޅުވި ނަމަވެސް ސަރުކާރު ހިންގުމަށް ދަތިވާގޮތަށް އަދި ދައުލަތަށް އާމްދަނީ ހޯދުމަށް ހުރި މަގުތަކެއް ބަންދުނުކުރެވޭނެކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ހުރިހާ ބިލްތަކަށް މަޖިލީހުން ފުރުސަތުދޭނެކަމަށް ނިހާން ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲވެސް ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ނިހާން ވިދާޅުވީ މައުމޫންގެ ސަބަބުން ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާކަމަށާ ރައީސް މައުމޫން އެކަންކުރައްވާފައިވަނީ ސަރުކާރަށް އެއްބާރުލުންދޭނެކަމަށް އެތަށް ފަހަރަކު ވިދާޅުވުމަށްފަހުކަމަށެވެ.
ނަމަވެސް ނިހާން ވިދާޅުވީ މައުމޫނަށް ދެރައެއް ލިބޭނެފަދަ އެއްވެސްކަމެއް އޭނާވެސް އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުންވެސް ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
މި ބައްދަލްވުމުގައި ނިހާން ވަނީ ރައީސް މައުމޫނަށް މަޝްވަރާ އެރުވުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަވާފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. ނިހާން ވިދާޅުވީ ކައުންސިލްގެ ރުހުމަކާނުލައި ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީސް ސައްހައެއް ނުވާނެކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕާލަމެންޓްރީ ގްރޫޕާ އެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މައުމޫނަށް ދައުވަތު ދެއްވާކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ނިހާންވަނީ ނުސީދާކޮށް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ދެއްވާފައެވެ.
މައުމޫން ވަނީ ޕީޕީއެމްގެ ތެރެއަށް ކާފިއުއެއް ގެންނަވާފައި: ޕީޖީ ގުރޫޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ