ރައީސް މައުމޫން ޤާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ: ޕީޕީއެމް

ޕްރޮގްރެސިވް ޕާޓީއޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް، ޤާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމަށް އެޕާޓީއިން ބުނެފިއެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމް ގެ ރައީސް، ރައީސް މައުމޫން އަބަދުވެސް އަމަލު ކުރައްވާނީ ޤާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި ޤާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް ގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވަނީ މައުމޫން މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކުގައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވައިވާ ދަނޑިވަޅެއްގައެވެ.
ކުރީގެ ރައީސް ނަޝީދު އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ ޑިމޮކްރެސީ ކަމަށާއި އެކަމަށް އަބަދު ވެސް ވަކާލާތުކުރަމުން އަންނަކަމަށެވެ. އަދި މައުމޫން ވެސް ހުންނެވީ އެ މަގުގައިކަމަށެވެ.
މިކަމާ ބެހޭ ގޮތުން މައުމޫން އަދި ސީދާ އެއްޗެއް ވިދާޅުނުވި ނަމަވެސް އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވައިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން މަސައްކަތްކުރަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ