ގާސިމް ސުޖާތާއާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލިދާއިރާގެ މެމްބަރު ގާސިމް އިބުރާހީމް އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ގާސިމް އާއި ފޮރިން އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ މިއަދު ބައްދަލުކުރެއްވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގަ އެވެ.
ބައްދަލުވުމަށް ފަހު ހައިކޮމިޝަނުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު އޮންނާނެތޯ ފޮރިން ސެކްރެޓަރީ ސުވާލު ކުރެއްވި ކަމަށެވެ. ޖުމްހޫރީ ޕާޓީ އޮތީ އިންތިހާބު އެތާރީހުގައި ބޭއްވުމަށް ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އިންތިހާބު މިއަންނަ ހޮނިހިރު ދުވަހު އޮންނާނެތޯ (އެއްސެވި). ދެން އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން މިތިބީ ހަމަ އެކަން ކުރާށޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އަދި ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓް ރަނގަޅުތޯ ބެލުން މާދަމާ ހެނދުނަށް ވެސް ނިމިއްޖެ ނަމަ ޖުމްހޫރީ ގުޅުމުގެ އިތުރު މައްސަލައެއް އިންތިހާބާ މެދު ނޯންނާނެ ކަމަށެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ކަންބޮޑުވުމަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސްތައް ރަނގަޅަށް ދިއުމާއި 11 ނޮވެމްބަރާ ހަމަ އަށް ކަންތައްތައް ރީތިކޮށް ދިއުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.
"ދެން މިތާނގެ ޑިމޮކްރެޓިކް ޕްރޮސެސްތައް ރަނޅަށް ދިއުމާއި އިލެވެން ނޮވެމްބަރާ ހަމައަށް ރީތިކޮށް ޕީސްފުލްކޮށް ގޮސް ނިމުން އެބޭފުޅުން ވެސް ބޭނުންވޭ،" ގާސިމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ފޮރިން ސެކްރެޓަރީގެ އެ ވާހަކަފުޅަކީ ރަނގަޅުވާހަފުޅެއް ކަމަށެވެ. އިންޑިއާ އަށް އެކަން މުހިއްމު ވަނީ ރާއްޖެއަކީ އެގައުމަށް ސްޓެރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި އޮތް ގައުމަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ