ކްރިމިނަލް ކޯޓުން ރާއްޖެ ޓީވީއާ ދެކޮޅަށް އެޅި ފިޔަވަޅު ބަލައެއް ނުގަނެވޭނެ: އެމްއެމްސީ

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުވަނދެވޭ ގޮތް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބުނެފި އެވެ.
އެމްއެމްސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ރާއްޖެ ޓީވީއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ފިޔަވަޅު އެޅުމާއި ގުޅިގެން އެކޯޓާ މަޝްވަރާކުރެވިފައިވާ ކަމަށެެވެ. އަދިވެސް އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންގޮސް އެމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނޭ އަބްދުލް ބާރީ ޔޫސުުފާއި ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒު މުހުސިން ކެފޭއެއްގެ ތެރޭގައި ކޮފީ ބައްލަވަން އިންނެވި ކަމަށް ބުނާ މަންޒަރު ވީޑިއޯ ކުރި ރާއްޖެ ޓީވީގެ ނޫސްވެރިންގެ އަތުގައި ހުރި ވީޑިއޯތައް ފޮހެލަން އެންގި މައްސަލައިގައިވެސް އާސިފް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން ވިދާޅުވީ ނޫސްވެރިޔަކު ނަގާފައިވާ ވީޑިއޯއެއް ފޮހެލަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަންވެސް ހިނގާދިޔަ ގޮތެއް ބަލަމުންދާ ކަމަށާއި އަދި ކައުންސިލަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަމުގައި ގޮތްތަކެއް ނިންމާނެ ކަމަށެވެ.
"ބޭރުން ބަޔަކު އައިސް ބިރު ދައްކާ ހެދި ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިދާޅުވަނީ، އެތަނުގައި އޭރު ފުލުހުން ތިބި ކަމަށް ވެސް ވަނީ. އެހެންވީމާ ފުލުހުން ތިއްބާ އެ ފުޓޭޖް ފޮހެލަން މަޖުބޫރު ކުރުވުން ގަބޫލެއް ނުކުރެވޭނެ. އެކަން ހުއްޓުވަންޖެހޭނެ." އާސިފު ވިދާޅުވި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކަވަރު ކުރުމުގައި ވެސް ނޫސްވެރިންނަށް އުދަގޫތަކަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް މުހައްމަދު އާސިފް ވިދާޅުވި އެވެ. މުޒާހަރާތައް ކަވަރު ކުރުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދަތިކުރާ މައްސަލައިގައި މިހާރު ފުލުހުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި މަޖިލީހުގެ ލައިވް ފީޑް ކަނޑާލާ މައްސަލަވެސް ބަލާނެ ކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެ ކައުންސިލްގެ މެމްބަރު އަހްމަދު ހަމްދޫން ވިދާޅުވީ ވަކި މީޑިއާއަކަށް ވަކި ޝަރީއަތްތަކަށް ނުވަނދެވޭ ގޮތަށް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށެވެ. އަދި ވަކި ނޫސްވެރިއަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި ނަމަވެސް ވަކި މީޑިއާއެއް އެއްކޮށް ޝަރީއަތްތަކަށް ނުވަނދެވޭ ގޮތަށް ހެދުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ފިޔަވަޅެއް އަޅަން ޖެހޭނީ އެ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅިގެން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އަދި އެފަދަ ފިޔަވަޅެއް އެ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާ ނުގުޅި އެޅިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ހަމްދޫން ވިދާޅުވި އެވެ.
ކޯޓަށް ހާޒިރު ކުރާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑީއޯ ނެގޭނެ ފަދަ ގޮތެއް ހަމަޖައްސައި ދިނުމަށްވެސް ފުލުހުންނަށް އެދިފައިވާނެ ކަމަށާއި، މުޒާހަރާތައް ކަވަރު ކުރުމުގައި ނޫސްވެރިން އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް ނެތުމުގެ ސަބަބުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް ހަމްދޫނު ވިދާޅުވި އެވެ. އަދި އެކަން ހައްލު ކުރުމަށް މީޑިއާ ކައުންސިލުން ފުލުހުންނާއި މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ