ރަޝިޔާ އާއި ގުޅުމަށް ކްރައިމިއާގެ ރިކޯޑު އަދަދަކަށް ރައްޔިތުން ތާއީދުކޮށްފި

ރަޝިޔާގެ ބައެއްގެ ގޮތުގައި ޔުކުރެއިންގެ ކްރައިމިއާ ހަމަޖެއްސުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި ރަޝިޔާ އާއި ގުޅުމަށް ކްރައިމިއާގެ ރިކޯޑު އަދަދަކަށް ރައްޔިތުން ތާއީދުކޮށްފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓުގައި ބައިވެރިވި އާންމުންގެ 93 ޕަސަންޓު ވަނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރައިމިއާ ހަމަޖެއްސުމަށް ތާއީދުކޮށްފައެވެ.
ނަމަވެސް ވޯޓުލާން ނިކުތް މީހުންގެ އަދަދު އަދި އެނގިފައެއް ނުވެ އެވެ.
ކްރައިމިއާގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއިއެކު އިނގިރޭސިވިލާތުންނާއި އެމެރިކާއިން ބުނެފައިވނީ ވޯޓު ގަބޫލުނުކުރާނެ ކަމަށެވެ.
ކްރައިމިއާގެ ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއިއެކު އެތައް ހާސް ބަޔަކު ދަނީ މަގުމައްޗަށް ނިކުމެ އުފާފާޅުކުރަމުންނެވެ.
މި ވޯޓު ނެގުމުގެ ކުރިން ހުޅަނގުގެ ގައުމުތަކުން ބުނެފައިވަނީ މި ވޯޓަކީ ޔުކްރޭންގެ ގާނޫނު ތަކާ ވެސް ހިލާފަށް ނަގަމުންދާ ވޯޓެއް ކަމަށާއި މި ވޯޓުގެ ނަތީޖާ ބަލައިނުގަންނާނެ ކަމަށެވެ. ރަޝިއާއިން މި ވޯޓުގެ ނަތީޖާ ބަލައިގެންފިނަމަ އެގައުމާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެގައުމުތަކުން ވަނީ ދީފައެވެ.
ޔުކްރޭންގައި އޮންނަ ކްރައިމިއާ ސަރަހައްދު ރަޝިއާއާ ގުޅުމަށް ކްރައިމިއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މީގެކުރިން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ