ދަނގެތި ދާއިރާއަށް އިންތިހާބުވެވަޑައިގެންފިނަމަ އެދާއިރާގެ ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށާއި ރައްޔިތުން ފަހުރުވެރިވެ، ޝުކުރުވެރިވާނެ ފަދަ ބޭފުޅަކަށް ވާނެ ކަމުގެ ޔަގީންކަން އެެދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު އިލްހާމް އަހުމަދު ދެއްވައިފި އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަން ވެސް ކުރައްވާ އިލްހާމް ވިދާޅުވީ ވޭތުވެދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ތެދުވެރިކަމާއިއެކު މުހިންމު އެތައް ކަމެއްގައި ވޯޓުދީފައިވާނެ ކަމަށާއި މީގެކުރިން އޭނާ ނިސްބަތްވެވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ ހުރިހާ ރަށްތަކަށް ބޭނުންވާ ކަންކަން މަޖިލީސް ތެރެއިންނާ އަމިއްލަގޮތުންވެސް ފަހިކޮށްދޭން މަސައްކަތް ކުރި ފަދައިން މިފަހަރު ދަނގެތި ދާއިރާއަށް ވެސް އިންތިހާބުވެ އެމަސައްކަތާއިގެން އުޅުއްވާނެ ކަމަށެވެ.
"ދަނގެތި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރާނަން. ރައްޔިތުން ބޭނުންވާ ތަރައްޤީ އަޅުގަނޑުގެ މެންބަރުކަމުގެ ފަސްއަހަރުގެ ތެރޭގައި ހޯދައިދޭނަން. ތިޔަ ލޮބުވެތި ރައްޔިތުން ފަޚުރުވެރިވެ ޝުކުރުވެރިވާނެ ފަދަ މީހަކަށް އިރާދަކުރެއްވިއްޔާ އިލްހާމް އަހްމަދު ވާނަން." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާނެ ހުރިހާ ކަމެއް، އެއީ ގެދޮރު އެޅުމަށް ފަސޭހަ ގޮތްތައް ހޯދުންކަމަށް ވިޔަސް، ބޭސްފަރުވާ ކުރާނެ ޑޮކްޓަރުން ހޯދުންކަމަށް ވިޔަސް، ޓީޗަރުންގެ ކަންކަން ކަމަށްވިޔަސް ރައްޔިތުންގެ ޙައްޤުގައި ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ.
"މި ރަށްރަށުގެ ގޯތިގެދޮރުގެ މައްސަލަ، ފެނާ ނަރުދަމާގެ މައްސަލަ، ބަނދަރު މައްސަލަ މިހެންގޮސް ވަރަށް ގިނަ ކަންކަން އަޅުގަނޑަށް ފާހަގަކުރެވިއްޖެ. އަޅުގަނޑު އެންމެ އިސްކަންދީގެން މިހާރު ހައްލު ހޯދަން މަސައްކަތް ފަށާފައިވާ ކަންކަމުގެ ތެރޭގައި، ދަނގެތީ ފަޅު، ދިއްދޫއާ މަންދޫގެ ބަނދަރު، އޮމަދޫގެ ނަރުދަމާ ނިޒާމު، ދިގުރަށުގެ ތަޢުލީމީ އަދި ޞިއްޙީ ކަންކަން ހިމެނޭ. ހުރިހާ ރަށެއްގައިހުރި މިނޫން ހުރިހާ މައްސަލަތަކަށްވެސް ކަމަކަށްފަހު ކަމެއް އަޅުގަނޑު ޙައްލު ހޯދާނަން އިރާދަކުރެއްވިއްޔާ. މިސާލަކަށް އޮމަދޫގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް ޚާއްޞަ އަޅާލުންތެރިކަމެއް ވަރަށް އަވަހަށް ބޭނުން. މިކަހަލަ ކަންކަމަށް އަޅުގަނޑު ވަރަށް އިސްކަން ދޭނަން" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ދަނގެތި ދާއިރާ އިހްތިޔާރުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެއީ ރައްޔިތުންގެ ޙާލުބަލައި، ކަންކަން ފަހިކޮށްދޭން ވަރުބަލިވުމެއްނެތި ފަސްއަހަރުވެސް މަސައްކަތްކުރާނެކަން ގާސިމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
"ގާސިމް އަޅުގަނޑާ ޙަވާލުކުރެއްވި ޒިންމާއަކީ ދަނގެތި ދާއިރާގެ ފަސްރަށާވެސް ގުޅުން ބަދަހިކުރުން. ހުރިހާ ރައްޔިތުންގެ މިތުރަކަށް އެއްބަނޑު އެއްބަފާ މީހަކަށް އަޅުގަނޑުވުން. ފަސްރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ ތެރެއިންނާ އަމިއްލަ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާކަމެއް ހަލުވިކަމާއެކު ކުރަމުން ދިއުން. ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭ ތަރައްގީ ގެނަސްދިނުން. އަޅުގަނޑު މި ފަސްރަށުގެ ރައްޔިތުންނަށްވެސް ވަޢުދުވަން، އިރާދަކުރެއްވިއްޔާ ގާސިމް އެ ޙަވާލުކުރެއްވި ޒިންމާ އަމާނާތްތެރިކަމާއެކު އަދާކުރާނަން." ޕީޕީއެމްގެ ނައިބު ލީޑަރުކަން ކުރެއްވި އިލްހާމް ވިދާޅުވި އެވެ.
ރައްޔިތުން ފަހުރުވެރިވެ ޝުކުރުވެރިވާ ފަދަ މީހަކަށް އަޅުގަނޑު ވާނަން - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ