ފަހަތުން އަރާ ބިލްބާއޯގެ މައްޗަށް ކުރި ހޯދާ ބާސާ ލީގުގެ ދެވަނައަށް

ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުން އެތްލެޓިކޯ ބިލްބާއޯގެ މައްޗަށް ކުރި ހޯދާ ބާސެލޯނާ ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.
ބާސެލޯނާ ދެވަނައިގައި އޮތީ 81 ޕޮއިންޓާއެކީގަ އެވެ. ބާސާ ދެވަނައިގައި އޮތީ ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އިތުރު އެއް މެޗު ކުޅެގެންނެވެ. ރެއާލް މެޑްރިޑް ތިންވަނައިގައި އޮތީ 79 ޕޮއިންޓާއެކީގަ އެވެ. މި މެޗުން ބަލިވި ބިލްބާއޯ އޮތީ 62 ޕޮއިންޓާ އެކީ ލީގުގެ 4 ވަނައިގަ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ އެތްލެޓިކޯ ބިލްބާއިންނެވެ. މި ގޯލް މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަޑޫރީޒް އެވެ. ނަމަވެސް ސަންޗޭޒް ދިން ޕާހަކުން މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް އެވެ.
އަދި އޭގެ 4 މިނެޓްފަހުން ބާސާއަށް ލިބުނު ހިލޭޖެހުމަކުން އެޓީމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނަގައިދިން ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ލައިނަލް މެސީ އެވެ.މިއީ މެސީ ލީގުގައި ކާމިޔާބުކުރި 26 ވަނަ ގޯލެވެ.
މި ގޯލަށްފަހު ވެސް ބާސާއަށް ވަނީ މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
މިއީ ބާސެލޯނާ އެންމެފަހުން ކުޅުނު 4 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މީގެކުރިން ބާސެލޯނާ ކުޅުނު 3 މެޗުން ވެސް އެޓީމް ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ