ކަތަމަންޑޫ ރައްޔިތުން ރަށްދޫކޮށް ދަނީ، މަރުވި މީހުންގެ އަދަދު 3700 އަށް

ބިންހެލުން އައިތާ ދެދުވަސް ވެގެން ދިޔައިރުވެސް މެދުނުކެނޑި ލޮޅުންތައް އަރަމުންދިއުމާއި ގުޅިގެން އުފެދިފައިވާ ބިރާއި، ބޯފެނާއި ކާނާއަށް ޖެހިފައިވާތީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ ދޫކޮށް އާންމު ރައްޔިތުން އެހެން ހިސާބުތަކަށް ދާން ފަށައިފިއެވެ.
ކަތަމަންޑޫ ދޫކޮށްދާ މީހުންނާއިގެން، ކަތަމަންޑޫއަށް ދާން އޮންނަ ހުރިހާ މަގުތަކެއް މިހާރު އޮތީ ތޮއްޖެހިފައި ކަމަށް ޚަބަރު ލިބެއެވެ. ބައެއް އަންހެނުން އެމީހުންގެ ޅަދަރިންތައް ބޮލަށާއި އަތްދަނޑިމައްޗަށް ލައިގެން، އަރައިގެން ދާނެ ވެހިކަލެއް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.
ބަސްތަކާއި، ކާރާއި ޓްރަކަކުން ޖާގަ ލިބުނަސް މީހުންތައް އެއަށް އަރައިގެން އެހެން ހިސާބުތަކަށް ދަތުރު ކުރަމުންދާކަމަށް ނޭޕާލުން ލިބެމުންދާ ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން، ނޭޕާލްގައި ތާށިވެފައިތިބި ފަތުރުވެރިންނާއިގެން ކަތަމަންޑޫގެ ޓްރިބޫވަން އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ވަނީ ފުރި ބާރުވެފައެވެ. ކޮޅު ނުފެންނަ ވަރަށް ދިގު ކިޔޫތައް ހަދާފައިވާ ކަމަށް ޚަބަރު ލިބެއެވެ. "ޓިކެޓެއް ގަތުމަށްޓަކައި އަހަރެންގެ ގައިގައި އަޅާފައި މިހިރަ ރަނުގެ ގަހަނާތައްވެސް ވިއްކާލަން މިހުރީ ތައްޔާރަށް. އެކަމަކު ދަތުރުކުރާނެ ބޯޓެއް ނެތް" ކަތަމަންޑޫ އެއަރޕޯޓްގައި ހުރި އިންޑިއާގެ ރަމާ ބަހާދުރު ބުނެފައި ވެއެވެ. އެނާއަކީ ނޭޕާލްގައި ވަޒީފާ އަދާކުރާ މީހެކެވެ.
ނޭޕާލް ދޫކޮށް ވައިގެ މަގުން ދާން ބޭނުންވާ ނޭޕާލްގެ މީހުންވެސް އެއަރޕޯޓަށް ޖަމާވެފައިވާކަމަށް ޚަބަރު ލިބެއެވެ.
ހޮނިހިރު ދުވަހުގެ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާއިރު، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3700 އަށް އަރާފައި ކަމަށް ނޭޕާލްގެ ދާޚިލީ ވުޒާރާގެ އިސް އޮފިޝަލަކު މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ އާބާދީގައި ހިމެނޭ މިލިއަނެއްހާ ރައްޔިތުން ރެއާއި އިއްޔެރޭވެސް ހޭދަކުރީ މަގުތައް މަތީގައި ފޭލިގެ ޖަހައިގެންނެވެ.
ބިންހެލުމުގެ ސަބަބުން ފެނާއި، ކަރަންޓް ކެނޑިފައިވާއިރު، ކާނާއާއި ބޯފަނަށް ނުޖެހި ވޭތޯ ނޭޕާލް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ނޭޕާލުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށްވެސް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ