އުއްތަމަ ފަނޑިޔާރު ކަމަށް އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. 
އުއްތަމަ ފަނޑިޔާރު ކަމަށް އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އައްޔަން ކުރަން ޖޭއެސްސީ އިން ނިންމީ އެމަގާމުގައި ކުރިން ހުންނެވި އަހްމަދު ފާއިޒު މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރަކަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި މިއަދު މެންދުރު ފަހު އެކޮމިޝަންގައި ބޭއްވި ބައްދަލުވުމަށްފަހު އެވެ. 
އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން ނިންމީ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުންނެވެ. 
ގާނޫނު އަސާސީގައިވާ ގޮތުން އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރައްވާ ބޭފުޅަކު ޖޭއެސްސީން ކަނޑައެޅުއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައިގަންނަވަނީ އެ ނަންފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާށެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 
އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދަކީ އިންތިގާލީ މަރުހަލާގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު އަބްދުﷲ އަރީފްއާއި އަދި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
    
    އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ޖޭއެސްސީން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ