ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައި އެދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ނިންމައިފި އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ.
އަދި މި ޖަލްސާގައި ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވުމަށް އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން އެމަނިކުފާނަށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުއްވި އެވެ. އަދި މަޖިލީހުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ މަޖިލީހުގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އެކަމަށް ހުރަސް އެޅުއްވީ ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށްފަ އެވެ.
އަންނަ ހޯމަ ދުވަހު ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ