އެކިއެކި ސިޔާސީ ބޭފުޅުންގެ މަސްލަހަތު އޮންނަ ތަންތަން ބަލާފާސްކުރުމަށް ހިންގާ އަމަލުތަކަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ބިރުދެއްކުމަށްކުރާކަމެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ގެކޮޅާއި އެމަނިކުފާނުގެ މަސްލަހަތުހުރި އިމާރާތްތަކަށް ފުލުހުންވަދެ ބަލާސްފާސްކުރަން ފެށުމާއި ގުޅިގެންނެވެ.
މައުމޫން ވިދާޅުވީ މިހާރު ފުލުހުން މެދުވެރިކޮށް ކުރަމުންދާ ކަންތައްތަކަކީ އިސްލާހީ މަސައްކަތް ކުރާ މީހުންނަށް ބިރު ދެއްކުމަށް ކުރާކަމެއްކަމަށެވެ. ކުއްލި ކުއްލިއަށް ގޭގެއަށްވަދެ ބަލާ ފާސްކުރުމަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭނެކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި މިފަދަ ނާތަހުޒީބު އަމަލުތައް އެމަނިކުފާނު ކުށްވެރިކުރައްވާކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މިސަރުކާރުން ގެންދަނީ ސިޔާސީ ހަތަރު ލީޑަރުން ގުޅިގެން ގައުމު އިސްލާހުކުރުމަށް މަސައްކަތް ފެށުމުން ތަފާތު އެކި ގޮތްގޮތުން އެ ލީޑަރުންނަށް ޖެއްސުންކުރަމުންނެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށް 6 ދުވަސްވަންދެން ދޫނިދޫގައި ހައްޔަރުކޮށްގެން ގެންގުޅެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ 3 ދައުވާއެއް އުފުލާފައެވެ.
އެ ދައުވާތަކުގެ ޝަރީއަތްތައްވެސް ފެށިފައިވާއިރު، ކުއްލިގޮތަކަށް މިއަދު ގާސިމްގެ މަސްލަހަތު ހުރި ތަންތަނަށް ފުލުހުން ވަދެފައިވަނީ އެ މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.
ފުލުހުން މިފަދަ ގޮތަކަށް އަމަލުކުރަމުންގެންދާއިރު، ފުލުހުން ގާނޫނީ އިމުން ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަންތަން ބަލާ ފާސްކުރަނީ ބިރުދައްކަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ