ކަރަންޓީން ކުރަން އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލު ދޭ ގޮތަށް ދައުލަތާ ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ބަލި ޖެހޭ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މިހާރު މީހުން ކަރަންޓީން ކުރަމުން އަންނަނީ ރިސޯޓްތަކާއި ބައެއް ރަށްރަށުގައި ސަރުކާރުން އަމިއްލައަށް ގާއިމް ކޮށްފައިވާ ކަރަންޓީން މަރުކަޒުތަކުގަ އެވެ.
ހެލްތް މިނިސްޓްރީން އިއްޔެ އެކުލަވާލާފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެ ނަމަ، އެތަނެއް ގިނަވެގެން އެއް އަހަރަށް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ބާރު އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެކަމަކު އެފަދަ ތަންތަން ބޭނުންކުރާ މުއްދަތަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން މީހުން ކަރަންޓީން ކުރުމަށް އިމާރާތެއް ހަވާލު ކުރަން އަންގާ އެންގުމަކަށް އެތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފި ނަމަ، އެތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ އެވެ. އަދިި އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެކަމަކު އެގޮތަށް ނަގާ އިމާރާތެއް ބޭނުން ކުރުމަށް ފަހު، އެތަނެއް ބޭނުންކުރި މުއްދަތަށް ބަދަލު ދޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި ލިބެންޖެހޭ ޚިދުމަތްތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އަދި އެ ތަންތަނުގައި މީހުން ބޭތިއްބުމާއި އަނބުރާ ފޮނުވާލުމުގައި އަމަލު ކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ދެ މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތީސް، މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ތިން މަސް ތެރޭގައި ހަދަންޖެހޭ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ކަރަންޓީންގައި 1،500 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ރާއްޖެއިން އެ ބައްޔަށް 1،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، 400 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ