ގާސިމް އިބްރާހިމް އައިސީޔޫއަށް ބަދަލުކޮށް ފަރުވާދޭން ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިތުރު ފަރުވާ ދިނުމަށް އޭޑީކޭގެ އައިސީޔޫއަށް ބަދަލުކޮށްފިއެވެ.
ގާސިމް އިބްރާހިމަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިމިވަނީ ނޭވާލުމަށް ދަތިތަކެއް ދިމާވެ މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް މިއަދު މެޑިކާއަށް ވަޑައިގަތުމުން އެމަނިކުފާނު އެ ހޮސްޕިޓަލްގައިވެސް ފަރުވާ ދިނުމަށް އެޑްމިޓްކުރުމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެންގުމާއި ގުޅިގެން ފަރުވާއަށް އޭޑީކޭއަށް ވަޑަައިގެންނެވުމާއި ގުޅިގެންނެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާސިމް އިބްރާހިމަށް މިވަގުތު ފަރުވާދެމުން ދަނީ އައިސީޔޫގައިކަމަށެވެ.
އަދި ގާސިމް އައިސީޔޫއަށް ބަދަލުކޮށްފައި މިވަނީ އޭޑީކޭގެ އޮބްޒަވޭޝަންގައި ފަރުވާދިނުމަށްފަހުކަމަށް އައްފާލް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް އައިސީޔޫއަށް ބަދަލުކުރީ މިވަގުތަށް ބޭނުންވާ އެންމެ ރަގަޅު ފަރުވާ ދެވޭނީ އައިސީޔޫގައި ބާއްވައިގެން ކަމުގައި ވާތީ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ރާއްްޖެއިން ބޭރަށް ވަޑައިގަތުމަށް ނިންމެވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން އިތުރު ފަރުވާ ހޯއްދެވުމަށެވެ.
ނަމަވެސް ގާސިމް އިބްރާހިމް މިރޭ އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް އަންގާފައިވާކަމަށާ އެހެންކަމުން އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވޭގޮތް ވެފައިނުވާކަމަށް އާއިލާއިން ބުނެއެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމަކީ ކުށްވެރިއެއް ނޫންކަމަށާ އެމަނިކުފާނުގެ ޕާސްޕޯޓް މިގޮތަށް ހިފެހެއްޓުމަކީ ކަންބޮޑުވެ ހިތާމަކުރައްވާކަމެއްކަމަށެވެ.
އަދި ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން އަމުރުނެރެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްކަމަށްކަމަށް މައުލޫމާތު ލިބިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ސަރުކާރުން ބައެއް ފަރާތްތަކާއި ދޭތެރޭގައި އަމަލުކުރަމުންދަނީ އިންސާނީ އުސޫލުތަކުގެ ބޭރުންކަމަށާ އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ގާސިމް އިބްރާހިމްގެ މައްޗަށް ހިންގޭ ޝަރީއަތަށް އެމަނިކުފާނު ދަނީ ފުރިހަމައަށް އެއްބާރުލުން ދެއްވަމުންކަމަށާ އެމަނިކުފާނަކީ ދުވަހަކުވެސް ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ