ރައީސް މައުމޫނާއި ގާސިމް އިބްރާހީމް ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން މިއަދު ހެނދުނު ކުރިއަށް ދިޔައީ ރައީސް މައުމޫންގެ އޮފީސް ހުންނަ ހ. ފުލިދޫގޭގަ އެވެ.
ރައީސް މައުމޫނާއި ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވާފައި މިވަނީ ތަފާތު ސަބަބުތައް ކުރިމަތިވެ މި ދެ ބޭފުޅުން ބައްދަލުވެވަޑައިނުގަންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
މި ދެ ބޭފުޅުން ބައްދަލުވެވަޑައިނުގެންނެވި ސަބަބުތަކުގެ ތެރޭގައި ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތުގެ ދައުވާކޮށް ހުކުމް ކުރުމާއި، އަދި ގިނަ ދުވަސްތަކަކަށް ރާއްޖެއިން ބޭރުގައި ހުންނަވަންޖެހިވަޑައިގަތުން ހިމެނެ އެވެ. މީގެއިތުރުން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަކީ ވެސް މި ދެ ބޭފުޅުން ބައްދަލުވެވަޑައިނުގެންނެވި ސަބަބެކެވެ.
ރައީސް މައުމޫނާއި ގާސިމް އިބްރާހީމް އަލުން ބައްދަލުކުރައްވާފައި މިވަނީ މި ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ހައިކޯޓުން ގޮތެއް ނިންމަންދެން މި ދެ ބޭފުޅުން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން ކުރި އަމުރުގެ ދަށުން މިނިވަންވުމުންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ އެންމެ އިސް ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ ރައީސް މައުމޫނާއި ގާސިމް އިބްރާހީމް ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީ ތަކަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލާ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދީ ކޯލިޝަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން މީގެކުރިން ދެެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ