މި ހިނގާ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ މި ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 90 ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކަރަންޓު އަގުހެޔޮ ކުރީ އަސާސީ ހިދުމަތްތައް ދިނުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ފަރަގު ނައްތާލުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް ކަރަންޓު އަގުހެޔޮ ކުރި ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތަށް ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓން މަތީގެ ބޭންޑްތަކަށް ނަގާ ކަރަންޓުގެ ފަރަގު ނައްތާލެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ބަދަލާ އެކު ކަރަންޓު އަގު ކުރުމުގައި ޒަމާނުއްސުރެ މާލެ އާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަގު ނައްތައިލެވި މާލޭގައި ކަރަންޓަށް ނަގާ އަގާއި އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތް ވެގެންދާނެ، ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުއެއް ލިބިގެން ދާނެ. މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2200 ރުފިޔާ ހޭދަކުރާ ނަމަ ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 1700 ރުފިޔާ" ރައީސް ވިދާޅުވި އެވެ.
ކަރަންޓަށް ގެނައި މި ހެޔޮ ބަދަލުގެ ތެރޭގައި ރަށްރަށުގެ ބިޒިނަސް ކެޓަގަރީގެ ބޭންޑްތަކުގެ އަގުގެ ތަފާތުތައް ވެސް އެއްހަމަ ކުރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. މިގޮތުން އައްޑޫއާއި ފުވައްމުލަކުގެ ބިޒިނަސް ކެޓަގަރީގެ ބޭންޑްތަކުގެ އަގުގެ މިންވަރަށް އެހެން ރަށްރަށުގެ ބިޒިނަސް ކެޓަގަރީގެ އަގުތައް ވެސް ކުޑަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ސިދާ ރައްޔިތު މީހާއަށް އޭގެ މަންފާ ލިބިގެން ދާނެ ކަމެއް. މި ބަދަލު ގެނައުމުން ރަށްރަށުގައި ކަރަންޓު ބިލަށް ގާތްގަނޑަކަށް 4600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3400 ރުފިޔާ، މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1200 ރުފިޔާ." ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށްފަހު އެ މިންވަރަށް ފިއުލް ޑިސްކައުންޓެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވިގެން ދިޔަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް އިއުލާން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ