ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް ސަރުކާރުން ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ސިޔާސީ އިދިކޮޅު ލީޑަރުން ވަގުތުން މިނިވަން ކުރުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ގޮވާލައިފިއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ޑިރެކްޓަރ ބިރާޖް ޕަޓްނައިކް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރި ފަހުން، އެއްވެސް ހަމައެއް ލަމައެއްނެތި މީހުން ހައްޔަރު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމުގެ ހުއްޖަތަކަށް އަދި އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ހުއްޓުވަންޖެހޭ ސަބަބަކަށް ކުއްލި އަމުރުގެ ހާލަތު ވެގެން ނުވާނޭ ކަމަށެވެ.
"މުޅި ދުނިޔޭގެ ނަޒަރު މިހާރު ހުއްޓިފައިހުރީ ދިވެހިރާއްޖެއަށް. މިހާރު ހިނގަމުންދާ ކަންތައްތަކުގެ ޝިކާރައަކަށް އިންސާނީ ހައްގުތައް ވެގެންނުވާނެ" އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނަށް ދިވެހިރާއްޖޭގެ ސަރުކާރުގެ މައްޗަށް އޮތް ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭނޭ ކަމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހުއްޖަތަކަށް ކުއްލި ނުރައްކަލުގެ ގާނޫނުން ލިބިދޭ ބާރުތައް ބޭނުން ކޮށްގެން ނުވާނޭ ކަމަށްވެސް އެމްނެސްޓީން ބުނެފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް، އެއިން ބާރުލިބިގެން ދިވެހި ސަރުކާރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމާއި، މައުމޫންގެ ދަނބިދަރިކަލުން މުހަންމަދު ނަދީމާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކޮށްފައިވާކަން އެމްނެސްޓީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެއިތުރުން، ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި މިނިވަންކުރުމަށް އަމުރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ދިފާއީ ވަޒީރު ކާނަލް މުހަންމަދު ނާޒިމް، ގޭބަންދުގައި ހުންނަވަނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އޭނާ އަލުން ޖަލަށް ބަދަލުކުރި ކަންވެސް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން މިނިވަންކުރުމަށް އެމްނެސްޓީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ