ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖޭއެސްސީ އިން ހިންގަނީ ޖަރީމާތަކެއް - ޑރ.އަބްދުﷲ ދީދީ

ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގަނީ ޖަރީމާތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީގެ މައްސަލައެއް ބަލަމުންދާ ކަމަށް އިއްޔެ ޖޭއެސްސީ އިން ވިދާޅުވުމުން ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރ އަހްމަދު މާޖިދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއް ޓްވީޓް ކުރައްވަމުންނެވެ.
ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖޫން 17 ވަނަ ދުވަހު ނެރުނު އަމުރާއި ހިލާފަށް ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖޭއެސްސީ އިން އިން ހިންގާ ޖަރީމާ ތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް ކަމަށާއި އެއީ ތަހުޒީބުވެފައިވާ ދުނިޔެއެއްގައި ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ.
ޑރ.އަހްމަދު އަބްދުﷲ އިޝާރާތް ކުރެއްވި ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައި އޮންނަނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި އެޤާނޫނުގެ އެހެނިހެން މާއްދާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ދުސްތޫރީ ގޮތުން ޙަވާލުކޮށްފައިވާ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން ކޯޓުތަކާ ޙަވާލުކުރެވިފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކޯޓުތަކުން ނެރޭ އެންމެހައި އަމުރުތަކާއި ޙުކުމްތަކާއި އަދި ނިންމާ އެންމެހައި ނިންމުންތަކުގެ ޞައްޙަކަމާމެދު ނުވަތަ އެ ނިންމުންތަކުގެ ޝަރުޢިއްޔަތާމެދު ގޮތްކަނޑައެޅުމުގެ އެއްވެސް ބާރެއް އިޚްތިޞާޞްއެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ލިބިގެންނުވާކަމަށެވެ.
ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު މާޖިދު ވެސް ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއާ ދެކޮޅަށް ބެލުމަށް ނިންމައިފައި ވާ "މައްސަލަ" އަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞުގެ ތެރެއިން ބެލޭނެ ވެސް މައްސަލައެއް ނޫންކަމެވެ.
"ކޯޓަށް ހުށައެޅިފައި ވާ މައްސަލައެއްގައި، ދަޢުވާ ކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރު ވުމަށް ޢައްޔަން ކޮށްފައިވާ ފަރާތް ކޯޓަށް ޙާޟިރު ނުކޮށް މައްސަލަ ބާޠިލު ކުރުމަކީ" ޤަޟާއީ ނިންމުމެއް ކަމަށާއި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ މީހަކަށް ކޯޓުގެ ނިންމުން މުރާޖަޢާ ކުރުމަށް ނުވަތަ އިސްތިއުނާފަށް ދިޔުމަށް ދޮރު ވަނީ ހުޅުވިފައި ކަމަށް މާޖިދު ވިދާޅުވިއެވެ.
"މި މިންވަރު ނުދަންނަ ބަޔަކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިބުމަކީ ވެސް، ބެއިތިއްބުމަކީ ވެސް، ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ހިންގަމުން ގެންދާ ޖަރީމާއެކެވެ. ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ބަޔަކު އަޅަމުންދާ ބޮޑު ހުރަހެކެވެ. ހަމައެހެންމެ، މި ގޮތަށް އަލްއުސްތާޛު ޢަބްދުﷲ ޢަލީއާ ދިމާ ކުރަމުން ގެންދާދިޔުމަކީ، އެކަން ކުރާ ބަޔެއްގެ ލަދުޙަޔާ ކުޑަކަމާއި، ގޮތެއްފޮތެއް ނެތްކަމުގެ ހެއްކެކެވެ. އެކަން ކުރަމުން ގެންދާ މީހުންނަކީ، ދިވެހި ޤައުމަށް ލެޔާއި ދަލާއި އިޚްލާޞްތެރި ޚިދުމަތުން މުޅި ޢުމުރަށް ފެންދިން ދަރީން ނިކަމެތި ކުރުމަށް އެއްވެސް ޖެހިލުންވުމެއް ނެތް ނުބައިނުލަފާ ބައެކެވެ. މި އަޚްލާޤެއް ނެތް، ރައްބިއެއް، ރަސޫލެއް، ގޮތެއް، ފޮތެއް ނުދަންނަ މީހުންގެ ކިބައިން މިއަދު ދިވެހި ޤައުމު ސަލާމަަތް ނުކޮށްފި ނަމަ، މާދަމާ ރުއިމުގެ ބޭނުމެއް ފައިދާއެއް މަންފާއެއް ނޯންނާނެއެވެ. ދިވެހި ކޮންމެ މުވާޠިނަކު މިކަން ހަނދާން ކުރުން ހުއްޓެވެ!" މާޖިދު ލިޔުއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ