މަޖިލީހުން މިއަދު ފާސްކުރި ދެބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިދެބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުންނެވެ.
ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފު ބިލުތަކެއް ކަމަށެވެ. އެހެންކަމުން މިދެބިލު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން މެމްބަރުކަން ގެއްލޭގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށެވެ. ގޮނޑި ގެއްލޭނެ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެނޫން ގޮތަކަށް ގޮނޑި ނުގެއްލޭނެ ކަމަށެވެ. އަދި ޕާޓީ ބަދަލުކުރިޔަސް އިންތިޚާބުވެފައި ހުރި މަގާމަކުން ވަކިނުވާނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ކަމަށާއި އެމާއްދާ މިއަދުވެސް ދިރިދިރި އެބައޮތް ކަމަށް އޭނަ ވިދާޅުވިއެވެ.
މީގެ އިތުރަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ގާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާއަކީ ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި މަގާމުން ވަކިކުރުމާ ގުޅޭ ބައިތައް ހިމެނޭ މާއްދާއެވެ. އެގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.
ކޯޓުން ކުރާ ހުކުމަކުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެއްޖެނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށާއި ފަނޑިޔާރެއްގެ މައްޗަށް ކޯޓުން މިފަދަ ހުކުމެއް އައިސްފިނަމަ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ވަކިކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް މިހާލަތުގައި ނުހިނގާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރު ކޯލިޝަންގެ މެމްބަރުން ގެނައި އިސްލާހުގައި ބުނެއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް އެމާއްދާ ނުހިނގާނެ ކަމަށް 38 މެމްބަރުން ތިއްބަވައިގެން ނިންމުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއަށް އިސްލާހު ނުގެނެސް ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދެބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލުތަކަށް ވުމުން ދެބިލު ބާތިލްކުރަން ހުށަހެޅީ ކަމަށެވެ. މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކޮށްފައިވާ ގޮތަށް މިމައްސަލަ ސުޕްރީމް ކޯޓުން ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިފަދަ މައްސަލަތައް އެބަހުރި ވަރަށް އަވަސްކޮށް ސުޕްރީމް ކޯޓުން ނިންމާފައި. ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ ވެސް ވަނީ ވަރަށް ހަލުވިކޮށް ނިންމާފައި. ބަންޑާރަ ނާއިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލަވެސް ވަނީ ވަރަށް އަވަހަށް ނިންމާފައި. އޭގެ ފަހުން އިހައްދުވަހު ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލަވެސް ވަނީ ވަރަށް އަވަހަށް ނިންމާފައި. އެހެންވީމަ ވަކިބަޔަކަށް ވަކިގޮތެއް ނުހަދައި ހަމަހަމަކޮށް އަމަލުކޮށް ވީހާވެސް އަވަހަކަށް މިމައްސަލާގައި ގޮތެއް ނިންމައިދޭނެ ކަަމަށް އުންމީދުކުރަން" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މިކަންކަމަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ ކަންކަން ކަމަށާއި ރައްޔިތުން އަމަލުކުރަންޖެހޭ ކަންކަން ނިންމަންޖެހޭނީ މަދުވެގެން 43 މެމްބަރުން ހާޒިރުވެތިބޭ ޖަލްސާއެއްގައި ކަމަށެވެ. އެންމެ 38 މެމްބަރުން ތިއްބަވައިގެން މިފަދަ ނިންމުންތައް ނުނިނެމޭނެ ކަމަށެވެ. ޕީޕީއެމްގެ 3 މެމްބަރަކު މިއަދު ވޯޓުގައި ބައިވެރިވެވަޑައިނުގަތީ އެނިންމުންތަކަކީ ގާނޫނުއަސާސީއާ ޚިލާފު ކަންކަމަށް ވާތީ ކަމަށާއި އެމެމްބަރުންނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޝުކުރުއަދާކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިކަމަށް ހައްލުހޯދޭނީ ސުޕްރީމް ކޯޓުން ކަމަށާއި ސުޕްރީމް ކޯޓުން އެކަން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ފަސް ފަނޑިޔާރުން ނިންމެވި ނިންމެވުމަށް އަމަލުކުރުން މަޑުޖައްސާލާފައި އޮތްއޮތުމަށް ނިމުމެއް ގެނެސް ކުރިން އޮތް ގޮތަށް އެކަން ރުޖޫއަކޮށް ވީހާވެސް އަވަހަށް އަމުރެއް ނެރެދިނުމަށް ވެސް އޭނަ ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ