އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާ މިއަދަށް ތާވަލްކޮށްފައިވާ ޝަރީއަތުގެ އަޑުއެހުމަށް އުއްތަމަ ފަނޑިޔާރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ފުލުހުންގެ ވެހިކަލެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކޯޓަށް ވެއްދީ ސިޔާސީ ބޭފުޅުންނާއި އާންމުން ކްރިމިނަލް ކޯޓަށް ވަނުމަށް ބޭނުންކުރާ ރަސްމީ ގޭޓަކުން ނޫނެވެ. އޭގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު ކްރިމިނަލް ކޯޓަށް ވެއްދީ އެތަނުގައި ބޭނުންކުރާ ވެހިކަލްތައް ވެއްދުމަށް ހާއްސަކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނުރަސްމީ ގޭޓުންނެވެ.
އުއްތަމަ ފަނޑިޔާރުންގެ މައްޗަށް މިމަހުގެ 13 ވަނަ ދުވަހު އުފުލާފައިވާ ޖިނާއީ ދައުވާގެ މައްސަލަ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު އެވެ.
އުއްތަމަ ފަނޑިޔާރުންގެ މައްޗަށް މިއަދު ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
މިމައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ސެކްޝަންގެ ގޮތުން މިމައްސަލަ ބައްލަވާނީ ކްރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަންކުރެވުނު ގާޒީ އަހްމަދު ހައިލަމް ކަމަށް ބެލެވެ އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އެ ކޯޓުގައި މިއަދު ކުރިއަށް ގެންދާ އަޑުއެހުންތަކުގެ ތާވަލް އާންމުކޮށްފައިވާއިރު ކޯޓުގެ ވެބްސައިޓްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އެޑްެރެސް ޖަހާފައި އޮތީ ނުބައިކޮށް ކަން ފާހަގަކުރެވެ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އުއްތަމަ ފަނޑިޔާރުގެ އެޑްރެސްގެ ގޮތުގައި ޖަހާފައިވަނީ ސ. މީދޫ އަޅިވިލާގެ އެވެ. ނަަމަވެސް އުއްތަމަ ފަނޑިޔާރުގެ އެޑްރެސް އަކީ ސ. މީދު އަލިވާގެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހެކި ނައްތާލުމުގެ ދައުވާކުރުމަށް ވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިދައުވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ އުފުލާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާ ފަސް ފަނޑިޔާރުން ސޮއި ކުރެއްވުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުއްވި ކޯޓު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް މިއަދު މިފަށަނީ ބަންދުކުރި ދުވަހުން ފެށިގެން މިއަދާ ހަަމައަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ނެތި ޖަލުގައި ބެހެއްޓުމަށްފަހު އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ