ރާއްޖެއާއި ލަންކާއާ ދެމެދު 7 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތައް ބަދަލުކޮށްފިއެވެ. މި ފަހުމުނާމާތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެގެ ދައުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މިމަހުގެ 3 އިން 6 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު މި ފަހުމުނާމާތައް ބަދަލުކުރައްވާފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފަހުމުނާމާތައް ބަދަލުކުރައްވާފައިވަނީ ދެ ޤައުމުގެ ރައީސުންގެ ހާރިޒުގައެވެ.
ދެ ޤައުމުގެ ދެމެދު ޖުމްލަ 7 ފަހުމުނާމައެއްވަނީ ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި ދިފާޢީ ދާއިރާގެ ފަހުމުނާމާތައް ހިމެނެއެވެ.
* ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ފަހުމުނާމާ
މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ސްރީލަންކާގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ، އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
* އަރުޝީފުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ
މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
* ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމާއި ގުޅޭ ފަހުމުނާމާ
މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ޒުވާނުންގެ ކަންކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ސުނިލް ކުމާރަ ގަމަގެ އެވެ.
ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވާރުން ތަމްރީނު ކުރުމާއި ފަންނީ ތަރައްޤީގެ ފަހުމުނާމާ
މިފަހުމުނާމާގައި ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.
* ދިފާޢީ ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ
މިފަހުމުނުމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ސެކްރެޓަރީ އެއަރ ވައިސް މާޝަލް ރިޓަޔާޑް ސަމްޕަތު ތުޔަކޮންތާއެވެ.
* ދިފާޢީ ދާއިރާގެ ތަޢުލީމާއި ތަމްރީނާއި ދިރާސާގެ ފަހުމުނާމާ
މި ފަހުމުނުމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ ސަރ ޖޯން ކޮތެލާވާ ޑިފެންސް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ރިއަރ އެޑްމިރަލް އެޗްޖީޔޫ ދައްމިކާ ކުމާރާ އެވެ.
* މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކުރުމުގެ ފަހުމުނާމާ
މިފަހުމުނުމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސެލަރ ޕްރޮފެސަރ އިންދިކާ މަހޭޝް ކަރުނަތިކަލަކެ އެވެ.
މި ފަހުމުނާމާތައް ބަދަލުކުރެއްވުމަށްފަހު ދެ ޤައުމުގެ ރައީސުން ވަނީ، ގުޅިފައިވާ ބަޔާން އިއްވަވާފައެވެ. މި ބަޔާނުގައި ދެ ޤައުމުގެ ގުޅުމުގެ މައްޗަށް ދެ ޤައުމުގެ ރައީސުންވެސް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖެއާއި ލަންކާ ދެމެދު 7 ދާއިރާއަކުން ފަހުމުނާމާ ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ