ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވާ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާޒީ މަރީއަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ގައުމެއްގައި މިހާތަނަށް އަމަލުކޮށްފައި ނުވާ ގޮތަކަށް ފަނޑިޔާރެއްގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނިގުޅައިގަތުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގާޒީ މަރީއަށް ލިބިފައިވާ ހައިސިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަންފައިވަނީ ވ. ބޮޑުމޮހޮރާގެ މައްސަލާގައި އޭނާ ކުރެއްވި ތަންފީޒީ ހުކުމެއްގެ ސަބަބުންކަމަށާއި އޭނާއާ ދެކޮޅަށް ފިޔަވަޅު އޅަންޖެހޭ އެނޫން އެއްވެސް ސަބަބެތް ނެތް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އެހެންކަމުން އެއީ ކުށަކާ ނުލައި އޭނާއަށް ދީފައިވާ އަދަބެއް ކަމަށާއި، ގާޒީގެ މަރީގެ މައްޗަށް އެވަރުގެ ހަރުކަށިކަމެއް ދައްކާފައި އެވަނީ ރައީސް އަބްދުﷲ ޔާމިނުގެ ސަރުކާރު ނުރުހޭ ގޮތަކަށް މައްސަލައެއް ނިންމާފައިވާތީ ސީދާ ރައީސް ޔާމީންގެ ނުފޫޒުން ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ ގާޒީ މަރީއާ މެދު އެފަދަ ހަރުކަށި ފިޔަވަޅެއް އެޅިގެން ނުވާނޭކަން ބަޔާންކޮށް ބައެއް ކަންކަން ފާހަަގަކޮށްފަ އެވެ. އެގޮތުން ގާޒީ މަރީއާ މެދު ފިޔަވަޅު އެޅީ އޭނާ ގާޒީ ކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ކުރުމަކާ ނުލައި، އެއްވެސް ދައުވާއެއް ވެސް ނުކުރެވި އަދި ޝަރީއަތެއް ވެސް ހިންގުމެއް ނެތި، ދިފާއުވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ގާޒީ އަކާއި މެދު ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ހަމައެކަނި ދެ މުއައްސަސާ ކަމުގައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބަހެއްވެސް މިމައްސަލާގައި ސުޕްރީމް ކޯޓުން ހޯދާފައި ނުވާ ކަމަށްވެސް ބަޔާނުގައިވަނީ ފާހަގަކޮށްފަ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މައްސަލަ ޖެހިގެން އުޅޭ ސިވިލް ކޯޓުގެ ހުކުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުން އެންމެ ފުރަތަމަ ނިންމި ތަންފީޒީ މައްސަލަވެސް ދައުލަތުން ހައިކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާ ކަމް އެނގެން އެބައޮތް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ސިވިލް ކޯޓުގެ ގާޒީ މަރީއަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތު ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ގައުމެއްގައި، އަދި ރާއްޖޭގައިވެސް މިހާތަނަށް އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ފަނޑިޔާރަކާ މެދު އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، އެއީ ރާއްޖޭގައި މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގާޒީ މަރީ މަގާމުން ދުރުކުރުމުން އެމްޑީޕީން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ