މިހާތަނަށް އައިއިރު ސްކޫލް ތެރެއިން ކޮވިޑު ފެތުރިފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ މިއަދުން ފެށިގެން 2 ހަފްތާއަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 ފެށިގެން 6 ގެ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމެވުމާއި ގުޅިގެން އެކަމުގެ މައުލުމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އާތިޔާ ވިދާޅުވީ ނިއުނޯމަލްގައި ސްކޫލްތަކުގައި ކިޔެވުން ފެށިގެންދިޔައީ އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގެ އިތުރަށް އެޑިއުކޭޝަނުންވެސް ޚާއްސަ ގައިޑްލައިންތަކެއް ހަދައިގެން ކަމަށާއި އެހެންކަމުން ސްކޫލްތަކުގެ ތެރެއިން ކޮވިޑު ފެތުރިފައިނުވާކަން މީހާތަނަށް ކުރި އިންސްޕެކްޓްތަކުން ހާމަވާ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ތެރޭގައި މިހާ ބޮޑަށް ބަލި ފެތުރެމުން އަންނާތީ އެޗްޕީއޭގެ އިރުޝާދުތަކަށް އެޑިއުކޭޝަނުން ބޯލަނބާ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އާތިޔާ ވިދާޅުވިއެވެ.
ކޮވިޑުގެ 3 ވަނަ ރާޅަކާ ރާއްޖެ މިވަގުތު ކުރިމަތިލާފަވާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ އާތިޔާ ވިދާޅުވީ މާލޭ ސަރަހައްދުގެސްކޫލްތަކުގައި ކިޔާ ދަރިވަރުންނާއި ދޭތެރޭގައި މިނިސްޓްރީން ކަންބޮޑުވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސްކޫލްތައް ބަންދުކޮށް ގްރޭޑް 1 އިން 6 ގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިވެފައިނުވާ ކަމަށާއި އަދި ގްރޭޑް 7، 8 ގެ ދަރިވަރުންނަށްވެސް ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ލިބުނީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށް އާތިޔާ ވިދާޅުވިއެވެ.
މިއަހަރު ސްކޫލްތަކުގައި ކިޔަވައިދިނުމުގެ މަސައްކަތްތައް ފެށީ އައު އުންމީދުތަކަކާއެކުގައި ކަމަށާއި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް 14 ފެބްރުއަރީން ފެށިގެން ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހައެއްގެ ދަރިވަރުންނަށް އަނެއްކާވެސް ސްކޫލް ބަންދުކުރަން ނިންމާފައި ކަމަށް އާތިޔާ ވިދާޅުވިއެވެ.
އޮންލައިންކޮށް ދަރިވަރުން ކިޔަވަން ޖެހުމުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރުކުރާކަން ދިރާސާތަކުން ދައްކާކަން ފާހަގަ ކުރައްވާ އާތިޔާ ވިދާޅުވީ ސްކްރީނެއްގެ ފަހަތުގައި ކިޔަވަން ޖެހުމުގެ ސަބަބުން އެ ކުދިން ކިޔެވުން މަތިން މުޅިން ފޫހިވެ އެ ކުދިން ދެން އަލުން އަނބުރާ ކިޔަވަން ބޭނުންނުވުން ފަދަ ކަންކަމާ ދަރިވަރުން ކުރިމަތިލާން ޖެހޭ ކަމަށެވެ.
ސްކޫލް ތެރެއިން ކޮވިޑު ފެތުރިފައެއްނުވޭ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ