ސުކޫކު ވިއްކަނީ ޔޫރޯ ބޮންޑަށް ފައިސާ ދައްކަން ފަށާތީ، ލޮޅުން ކުޑަކުރަން: މަބްރޫކް
ސަރުކާރުން ސުކޫކެއް ވިއްކަން ނިންމީ ކުރިން ނަގާފައިވާ 6.3 ބިލިއަން ރުފިޔާގެ ބޮންޑަކަށް މިއަންނަ އަހަރު ފައިސާ ދައްކަން ޖެހޭތީ، އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 2017ވަނަ އަހަރު ރާއްޖެއިން ވިއްކާފައިވާ ޔޫރޯ ބޮންޑު މިއަންނަ އަހަރު މެޗުއާ ވާނެ ކަމަށެވެ. "އާދަޔާ ހިލާފަށް ބޮޑަށް ރީޕޭމަންޓް ހަދަންޖެހޭ އަހަރެއްގެ ގޮތަށް އަންނަ އަހަރު އޮތީ. އެއީ 2017ގައި ނަގާފައި އޮތް ޔޫރޯ ބޮންޑު މެޗުއާ ވާތީ. 6.3 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު) އެއީ... މިހާރު މި އިޝޫކުރާ ސުކޫކުގެ ބޭނުމަކަށް ވާނެ، އެއްކަމަކީ މިއަންނަ އަހަރު 250 މިލިއަން ޑޮލަރުގެ ރީޕޭމަންޓެއް ހަދާއިރު ދިމާވާނެ ލިކުއިޑިޓީ މައްސަލަތައް. އެކަންކަން ހައްލު ކުރުމަށްޓަކައި މި ސުކޫކް ކުޅޭނެ ބޮޑު ދައުރެއް." މަބްރޫކް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ މަބްރޫކް ވިދާޅުވީ ސުކޫކް ވިއްކައިގެން މިއަންނަ އަހަރު އެކަނި ބޮންޑަށް ފައިސާ ދެއްކުމުގެ ބަދަލުގައި ފަސް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދެވޭނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ މިއަންނަ އަހަރު ޝޮކަކަށް ދާން ނުޖެހޭނެ ކަމަށެވެ. ރާއްޖޭގެ އެސްޑީއެފް ތެރޭގައި ހުންނަ ފައިސާވެސް ބޭނުން ކުރެވިދާނެ އެހެން ނަމަވެސް އެއާ ނުލައިވެސް ފަސް އަހަރަށް ބަހާލެވިއްޖެނަމަ މިއަންނަ އަހަރު، އެއް އަހަރުގެ ތެރޭގައި ފައިސާ ދައްކަން އުޅުމުގެ ބަދަލުގައި ފަސް އަހަރަށް ބަހާލައިގެން އެ ފައިސާ ދެއްކުމަކީ ބުއްދިވެރި ކަމަކަށް ވާނެތީ ސުކޫކަކަށް ދާން ފިނޭންސް މިނިސްޓްރީން ނިންމީ." މަބްރޫކް ވިދާޅުވި އެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ ދަރަނި ނުދެއްކޭ ހާލަތެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ވިކިދާނެ ކަމަށް ދެކެވޭ ވާހަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. "އަޅުގަނޑުމެން މި ވަންނަނީ އިޖާރާ އެގްރީމަންޓަކަށް. އެ އެގްރީމަންޓްގެ ދަށުން ސްޕެޝަލް ޕާޕަސް ވެހިކަލްއެއް ހެދި، ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ)އެއްގައި ނުވަތަ ވަކިން އުފެއްދޭ، އެހެން އެއްވެސް ވިޔަފާރިއެއް ނުކުރާ ހަމައެކަނި މި އެސެޓް ރެޖިސްޓާ ކުރަން އުފައްދާ ކުންފުންޏެއްގައި މި އެސެޓް ބާއްވާނީ." އޭނާ ވިދާޅުވީ އެ އެސެޓުން ލިބޭ ފައިދާ ބޭނުންކުރާނީ ސުކޫކަށް ފައިސާ ދެއްކުމަށް ކަމަށެވެ. "މިފަދަ އެގްރީމަންޓެއްގައި އެއްވެސް ފަންތިއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރެވެނީއެއް ނޫން. ބޮންޑަށް ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އޯނާޝިޕް އޮންނާނީ ދިވެހި ސަރުކާރުގައި، މި އެސްޕީވީގައި. ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން އެހެން ނަމަވެސް ހޮސްޕިޓަލުގެ އޯނާޝިޕް އެހެން ބައެއްގެ ނުވަތަ ގައުމެއްގެ އަތްމައްޗަކަށް ނުދާނެ." މަބްރޫކް ވިދާޅުވި އެވެ. ސަރުކާރުން ވިއްކަން ތައްޔާރުވަމުން އަންނަ 200 މިލިއަން ޑޮލަރުގެ ސުކޫކު ސެޓްލްމެންޓުު ފައިނަލް ކުރާނީ އަންނަ މަހުގެ އަށްވަނަ ދުވަހަށެވެ. މި ސުކޫކު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިޔުމުގައި މެދުވެރި ވަނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އައިސީޑީ އާއި ގުޅިގެން އެ ސުކޫކު އިޝޫކުރުމަށް ސަރުކާރުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރަން ޖެހެއެވެ. އެ ސުކޫކު އިޝޫ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އޯނާޝިޕް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ