ހޮނުގުގުރީގެ އަޑާއެކު އޭދަފުށި ފިތްކަނޑައިގެން! ގޭގެއިން ކަރަންޓް ކެނޑި، ކަރަންޓް ސާމާނުތައް ހަލާކު

ރޭ އިރާކޮޅު ގަދަވަޔާއެކު އޭދަފުއްޓަށް ކުރި ވިއްސާރައިގެ ތެރޭގައި ޖެހި ހޮނުގުގުރިއަކާއެކު އޭދަފުށީގެ ގިނަ ބަޔަކު ފިތްކަނޑުވާލައި، އަސާސީ ބައެއް ހިދުމަތްތަކަށް ބުރޫއަރައި، ގޭގައި ގެންގުޅޭ ކަރަންޓުގެ ކުރާ އާލާތްތަކަށް ގެއްލުން ލިބިއްޖެއެވެ. 
ރޭ 10:25 އެހާކަން ހާއިރު ކުއްލިއަކަށް ގުގުރައި ވާރޭވެހެން ފެށިއިރު ހޮނުގުގުރިއާއެކު ގިނަ ގޭގެއިން ކަރަންޓް ކެނޑުނު ކަމަށް އީވީއަށް އެނގިފައިވެއެވެ. އަދި މަގުމަތީ ބައްތިތައްވެސް ވަގުތުކޮޅަކަށް ނިވުނެވެ. އޭދަފުށީ ކައުންސިލުން ބުނީ ގުގުރިއާއެކު ކަރަންޓް ހިދުމަތަށް ބުރޫ އެރިކަމަށާ، އަދި އޭދަފުށީ ބޮޑު މިސްކިތުގެ ވައިރު މައްސަލަޖެހި ބައެއް ދިއްލުންތައް ވެސް މަސައްކަތް ނުކުރާކަމަށެވެ. 
“މިހާރުވެސް ބޮޑު މިސްކިތުގަ މިއުޅެނީ. ބައެއް ލައިޓްތައް ދިއްލޭ، އަނެއްބައި ލައިޓްތައް ނުދިއްލޭ. އިލެކްޓްރިކް ވައިރަށް މައްސަލަތަކެއް ދިމާވެފަހުރިކަމަށް ބެލެވެނީ.”
އީވީއަށް އެނގިފައިވާ ގޮތުގައި ބައެއް ގޭގޭގެ ދިއްލުންތަކާއި، ޓީވީ ފަދަ ތަކެއްޗަށްވެސް ވަނީ މައްސަލަޖެހިފައެވެ. ގުގުރިއާއެކު ދިރާގާއި، އުރީދޫގެ ހިދުމަތްވެސް ކުޑަވަގުތުކޮޅަކަށް މެދުކެނޑުނު ކަމަށް ބައެއް މީހުން ބުނެއެވެ. އޭދަފުށީ މީޑިޔާ ނެޓްގެ ހެޑް އަބްދުﷲ ނަސީރު ވިދާޅުވީ މީޑިޔާނެޓާއި، އުރީދޫގެ ހިދުމަތް ފަސްވަރަކަށް މިނިޓަށް މެދުކެނޑުނު ކަމަށެވެ. 
“ގުގުރިއާއެކު ބްރޭކަރުތައް ކުއްލިއަކަށް ވެއްޓުނީ. ފަސްމިނެޓަށް މީޑިޔާނެޓް އަދި އުރީދޫ ހިދުމަތް މެދު ކެނޑުނު” ނަސީރު ވިދާޅުވިއެވެ. 
އޭދަފުށީ ކައުންސިލުން ބުނީ އިތުރު ގެއްލުންތަކެއް އަދި ކައުންސިލަށް ފާހަގަކުރެވިފައި ނެތްކަމަށެވެ. 
މީގެ ދެތިން އަހަރު ކުރިީގެ ރެއަކު ވެސް އޭދަފުއްޓަށް ހޮނު އަޅައި، އަސާސީ ބައެއް ހިދުމަތްތަކަށް ބުރޫއަރައި، ބައެއް ގޭގޭގެ އިލެކްޓްރިކް ސާމާނަށް ގެއްލުން ވިއެވެ. 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ