އިންތިޚާބުގައިހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން ޢިއުލާންކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާނެ ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، info@elections.gov.mv އަށް މެއިލް ކުރުމަށެެވެ.
އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމާއެކު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އާއި މަތީ ތަޢުލީމުގެ ސެޓްފިކެޓްގެ ކޮޕީގެ އިތުރުން ޕާސްޕޯޓް ސައިޒުގެ ނެގިފަހުން ތިން މަސް ނުވާ އެއްގަނޑު ފޮޓޯ ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށީގެންވާ ވަރަށް މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމު ބަލައިގަންނާނެކަމަށް އީސީން ވަނީ ބުނެފައެވެ.
އޮފިޝަލުންނަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަ ޖެހޭ ޝަރުތުތައް އިސީން ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މީހެއްގެ ގޮތުގައި ހުރި މީހަކަށް ނުވުމާއި އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވާ މީހަކަށް ނުވުން ހިމެނެއެވެ.
އޮފިޝަލުންގެ އުޖޫރައެއްގެ ގޮތުގައި އީސީން ހަމަޖައްސާފައިވަނީ ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1800ރ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ އަށް 1600ރ، އޮފިޝަލުންނަށް 1500ރ، ވޯޓު ގުނާ އޮފިޝަލަކަށް 1200ރ އަދި ރިޒާވް އޮފިޝަލަކަށް 500ރ ގެ އިތުރުން ކިއު ސްޕަވައިޒަރަށް 1000ރ އުޖޫރައިގެ ގޮތުގައި ލިބޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކަމަށްވާއިރުމ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ