މަސްތުވާން، ރައީސް ހިތްވަރު ދެއްވާ ކަމަށް ވިދާޅުވެ އުމަރު ހުށަހެޅި މައްސަލައަށް މިހަފުތާގައި ޖަވާބުދޭނަން: ޕީޖީ

މަސްތުވާތަކެތި ބޭނުން ކުރަން ދިވެހިންނަށް ހިތްވަރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އަށް އުމަރު ނަސީރު ހުށެހެޅި މައްސަލަ އަށް މި ހަފުތާގައި ޖަވާބު ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޖީ މިއަދު ވިދާޅުވީ އުމަރު ނަސީރު ހުށަހެޅުއްވެވި ސިޓީގައިވާ ކަންކަން ދިރާސާ ކުރައްވަމުން އަންނަ ކަމަށާއި އެކަމާ ބެހޭ ގޮތުން ނިންމާ ގޮތް މިހަފުތާގައި އުމަރު ނަސީރަށް އަންގަވާނެ ކަމަށެވެ.
"މިހަފުތާގައި އުމަރަށް ޖަވަބު އަރުވާވަނަން. އެމައްސަލައާ ބެހޭ ގޮތުން،" މުއިއްޒު ވިދާޅުވި އެވެ.
އެކި މުނާސަބަތުތަކުގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތައް ކުށްވެރިކޮށް އުމަރު ނަސީރު ޕީޖީ އަށް ފޮނުއްވެވި ސިޓީގައި އުމަރު ވިދާޅުވެފައި ވަނީ ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގާނޫނުގައި މަސްތުވާ އެއްޗެތި ކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެ އެއްޗެހި އިތުރަށް ފެތުރި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް އެއްޗެހި ބޭނުން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށްޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާ ދިމާކޮށް، މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެ، "ބާރުގަދަ ޑްރަގްސް" އަށް ހުޅުވޭ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ވިދާޅުވުމުން ދޭހަވަނީ ބާރު ގަދަ ނޫން މަސްތުވާތަކެތި ބޭނުން ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި އެއީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކުރާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމުގެ މާބޮޑު ޝައުގުވެރި ކަމެއް ނެތުންކަން އެ ވާހަކަތަކުން ހާމަވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީޖީ އަށް އުމަރު ފޮނުއްވި ތިން ސޮފްހާގެ ސިޓީގައި އިސްލާމް ދީނުގައި މަސްތުވާތަކެއްޗާ ބެހޭ ގޮތުން އައިސްފައި ހުރި ވަހީ ބަސްފުޅުތަކަށް އިޝާރާތްކޮށް ބުނެފައި ވަނީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ ޚިލާފުވުމަކީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކި ކުރެވޭނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 100 ވަނަ މާއްދާ ބުނާ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ބުނެފައިވާ އިރު ގައުމުގެ އެންމެ އިސްވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވާއިރު ޕީޖީ ހަނު ހުންނެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ދައުވާ ކުރުމަކީ ޕީޖީގެ ޒިންމާ އެއްކަމަށް ވެފައި އިތުރު ތަހުގީގަކާ ނުލާއި ޝަރީއަތަށް ފޮނުވޭވަރުގެ ކާފީ ހެކި ހުރުމާ އެކު ޕީޖީގެ ޒިންމާގެ ތެރެއިން ކޮށްފައިވާ ހުވަޔާ އެއްގޮތަށް، އެއްވެސް ޖެހިލުމެއްނެތި، މި މައްސަލައިގައި އަމަލުކޮށް ފިޔަވަޅު އަޅައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ