ޔޫރަޕްގެ އިއްތިހާދުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ސްރީލަންކާގެ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް، އެލްޓީޓީއީ އުނިކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ އެންމެ މަތީ ކޯޓުގެ ފުންނާބުއުސް ގާނޫނީ ވަކީލު ގޮވާލައްވައިފިއެވެ.
ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގެ އެޑްވޮކޭޓް ޖެނެރަލް އެލީނަރ ޝަރްޕްސްޓަން ވިދާޅުވީ، ހަމާސް ޖަމާއަތާއި އެލްޓީޓީއީއަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް އީޔޫއިން ކަނޑައަޅާފައިވަނީ ތެދު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އެނިންމުން ނިންމުމުގައި އީ.ޔޫއަށް ގޯސްތަކެއް ހެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ނޫސްތަކުގައި ލިޔެފައިވާ އާޓިކަލްތަކުގައި ހުރި ހެއްކާއި ގަރީނާތަކުގެ މައްޗަށް އީޔޫ ބަރޯސާވެގެން ނުވާނެ. އަދި އިންޓަރނެޓްގައި ހުންނަ މައުލޫމާތު ތަކަށްވެސް ބަލައިގެން ނުވާނެ. އީޔޫއިން އެފަދަ ނިންމުމެއް ނިންމާންޖެހޭނީ ކަމާބެހޭ ފަރާތަކުން ހޯދާފައިވާ ތަހްގީގީ މައުލޫމާތުތަކެއްގެ މައްޗަށް ބުރަވެ" ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގައި ވާހަކަ ދައްކަވަމުން އެލީނާ ވިދާޅުވިއެވެ.
އެހެންކަމުން، ހަމާސް ޖަމާއަތާއި، އެލްޓީޓީއީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އީޔޫއިން ހިމަނާފަ އޮތް އޮތުން ބާތިލް ކުރަންޖެހޭ ކަމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގެ އެޑްވޮކޭޓް ޖެނެރަލް އެލީނަރ ޝަރްޕްސްޓަން ވިދާޅުވިއެވެ.
ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން މިހާރު ތައްޔާރުވަމުންދަނީ ހަމާސްއާއި އެލްޓީޓީއީ ޓެރަރިސްޓް ލިސްޓްގައި ހިމަނާގައި އޮތް އޮތުމާމެދު ހުކުމް އިއްވުމަށް ތައްޔާރު ވަމުންނެވެ.
ހުކުމް އިއްވުމުގައި މައްސަލަތަކާމެދު ގޮތެއް ނިންމުމުގެ ކުރިން އެޑްވޮކޭޓް ޖެނެރަލްގެ ޚިޔާލު ހޯދުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އަދި އެޑްވޮކޭޓް ޖެނެރަލްގެ ޚިޔާލަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން އަމަލުކުރާ ކަމަށްވެސް ވެއެވެ.
ހަމާސް ޖަމާއަތާއި، އެލްޓީޓީއީ ޖަމާއަތް ޓެރަރިސްޓް ލިސްޓްގައި ހިމަނައި، އެޖަމާއަތްތަކަށް ނިސްބަތްވާ މީހުން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން މަނާކޮށް، މުދާތައް ގަނޑުކުރުމަށް ޔޫރަޕްގެ އިއްތިހާދުން ނިންމީ 2001 ވަނަ އަހަރުއެވެ.
ހަމާސްއާއި އެލްޓީޓީއީން އޭގެފަހުން ގެންދިޔައީ މިމައްސަލަ ޔޫރަޕްގެ ކޯޓްތަކަށް ހުށަހަޅައި، އެ ނިންމުން ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އީޔޫގެ ދެވަނައަށް އެންމެމަތީ ކޯޓު ކަމަށްވާ ދަ ޖެނެރަލް ކޯޓުން 2014 ވަނަ އަހަރުވަނީ ހަމާސްއާއި އެލްޓީޓީއީއަށް ތާއީދުކޮށް ހުކުމް ކޮށްފައެވެ.
ޖެނެރަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޔޫރަޕްގެ އިއްތިހާދުން ހަމާސްއާއި އެލްޓީޓީއީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި ހިމަނާފައިވަނީ އާންމުކޮށް ލިބޭންހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، ކަމާބެހޭ ފަރާތަކުން ހޯދި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އެހެންކަމުން، އެދެ ޖަމާއަތް ޓެރަރިސްޓް ލިސްޓުން އުނިކުރުމަށް ހުކުމް ކޮށްފައި ވެއެވެ.
ޔޫރަޕްގެ އިއްތިހާދުން ދަށު ކޯޓުގެ ނިންމުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. މިމައްސަލާގައި ގޮތެއް ކަނޑައެޅުމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން ތައްޔާރުވަމުން ދާއިރު، އެ ކޯޓުގެ އެޑްވޮކޭޓް ޖެނެރަލް އެލީނަރ ޝަރްޕްސްޓަން ވިދާޅުވީ، ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި ހަމާސްއާއި އެލްޓީޓީއީ ހިމާނާފައިވަނީ އިންސާފުން ބޭރުން ކަމަށެވެ.
ޔޫރަޕިއަން އިއްތިހާދުގެ އޮފިޝަލުންވަނީ އެޑްވޮކޭޓް ޖެނެރަލް ފާޅުކުރެއްވި ޚިޔާލަށް އެއްޗެއް ބުނަން ފަސްޖެހިފައެވެ. ވިދާޅުވެފައިވަނީ، އެންމެތީ ކޯޓުން ގޮތެއް ކަނޑައަޅަންދެން މަޑުކުރައްވާނީ ކަމަށެވެ.
ހަމާސްއާއި އެލްޓީޓީއީ ޓެރަރިސްޓް ލިސްޓުން އުނިކުރުމާމެދު އީޔޫގެ އެންމެމަތީ ކޯޓުން ގޮތެއް ނިންމަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ