ތ. ވިލުފުށީގައި ވައިރަލް ހުމެއް ފެތުރި ރަށުގެ އާއްމު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގައި ވިލުފުށީ ކައުންސިލުން ބުނެފި އެވެ.
ވިލުފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝާފިއު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިއްހީ މަރުކަޒުގައި ބަލިމީހުން ބައިތިއްބައިގެން ފަރުވާ ދިނުމުގައިވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ސިއްހީ މަރުކަޒު އޮތީ ބަލިމީހުންނާއި ކުދިންނާއިގެން ފުރިފައި ކަމަށްވެސް ވިދާޅުވި އެވެ.
ވީނިއުސްއަށް މައުލޫމާތު ދިން ވިލުފުށި މީހަކު ބުނީ މިހާރުވެސް 12 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދެމުންދާއިރު، ޑޮކްޓަރު ބައްލަވާ ކޮޓަރި އާއި ލެބޯޓަރީ ފިޔަވައި ދެން ހުރި ހުރިހާ ތަނެއްގައި ބަލިމީހުންނާއި ކުދިން އެޑްމިޓްކޮށް ބައިތިއްބާފައިވާ ކަމަށެވެ.
މިގޮތުން ވޯޑުތައް ފުރި ވިއްސާ ކޮޓަރި އާއި ކޮރިޑޯގައިވެސް އިތުރު އެނދު ބަހައްޓައި ބަލިމީހުން އެޑިމިޓްކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ސިއްހީ މަރުކަޒުގައި މަސައްކަތްކުރަނީ ޖުމުލަ ތިން ނަރުހުން ކަމަށްވުމާ އެކު އެމީހުންވެސް ޑަބަލް ޑިއުޓީ ކުރަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ވިލުފުށީ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު އިބްރާހިމް ވިދާޅުވީ އެޑްމިޓްކުރެވިފައިވާ ބަލިމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިއަދު އިތުރު ކުއްޖަކު އެޑްމިޓް ނުކުރާ ކަމުގައިވެސް ވިދާޅުވި އެވެ.
މުހައްމަދު އިބްރާހިމް އިތުރަށް ވިދާޅުވީ އަތޮޅު ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު މިއަދާއި މާދަމާ ވިލުފުށީ ސިއްހީ މަރުކަޒުގައި ބަލިމީހުން ބައްލަވާނެ ކަމަށާއި، ކޮމިއުނިޓީ ހެލްތު ވޯކަރު އެއް ހަފްތާގެ މުއްދަތަށް ވިލުފުށީގައި މަޑުކުރައްވާނެ ކަމަށެވެ.
ވިލުފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝާފިއު ވިދާޅުވީ ހުމާއި ބޭރަށް ހިންގުމާއި ހޮޑުލުމުގެ މިރޯގާ ރަށުގައި ފެތުރެން ފަށާފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ކަމަށާއި، އެކަމާއި ގުޅިގެން ކައުންސިލުންނާއި ސިއްހީ މަރުކަޒާއި ރައްޔިތުން ގުޅިގެން ހުއްޓާ ނުލައި ރަށުތެރެ ސާފުކޮށް އާއްމު ސާފުތާހިރުކަމަށް މީހުން ސަމާލު ކުރުވުމުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ރަށުގެ ހާލަތު ރިޕޯޓްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޝާފިއު އިތުރަށް ވިދާޅުވީ މިރޯގާ އާއި ގުޅިގެން މިއަދު އަތޮޅު ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރާއި އެކު ހާއްސަ ޓީމެއް ވިލުފުއްޓަށް އައިސް މިހާރު ވިލުފުށީ ސިއްހީ މަރުކަޒުގައި މަސައްކަތްކުރަމުންދާކަން އެނގިފައިވާ ކަމަށެވެ.
ވިލުފުށީގައި ވައިރަލް ހުމެއް ފެތުރި ރައްޔިތުން ކަންބޮޑުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ