އަބްދުﷲ ދީދީގެ ޖާގައަށް ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ނެގުމުގެ މަސައްކަތް ފަށައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަކިކުރަން ފާސްކޮށްފައިވާ އަބްދުﷲ ދީދީގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހަމަޖެއްސެވުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.
ޖޭއެސްސީން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވުމަށް ފުރުޞަތު ހުޅުވާލާފައެވެ. ޖޭއެސްސީން ކުރި އިއުލާނެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވުމުގެ ވަގުތު އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މެންދުރު ފަހު 12:00 އާ ހަމައަށް ވަނީ ދީފައެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ދިން ފުރުޞަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ނަންފުޅުތަކުގެ ތެރެއިން އެ ކޮމިޝަނަށް ފެންނަ ނަންފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙަށް ފޮނުއްވާނެ ކަމަށެވެ. ފަނޑިޔާރުންނާބެހޭ ޤާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ނަންފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަބްދުﷲ ދީދީގެ ބަދަލުގައި ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު އައްޔަން ކުރެއްވުމަށްޓަކައި ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލެއްވުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލިއިރު އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ދެ އަންހެން ބޭފުޅެއްގެ ނަން ރައީސް ސޯލިޙު މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ދެބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރުވާތީ އައްޔަން ކުރައްވާ ދެބޭފުޅުންނެވެ.
ރައީސް ސޯލިޙު މަޖިލީހަށް ފޮނުއްވާފައިވާ ދެ އަންހެން ބޭފުޅުންނަކީ އައިޝަތު ޝުޖޫނާއި އަޒްމިރަލްދާ ޒާހިރެވެ. މިދެބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް މިހާރު ވަނީ ރުހުންދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ