ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކަލް ރިޗަރޑް ޕޮމްޕެއޯގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާމެދު މި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.
މިނިސްޓަރ ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށްފަހު، މިމަހުގެ 25 އިން 27 އަށް ޖެނީވާއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝާހިދު ޖެނީވާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަކީ އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ މަތީފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަބޫދާބީއަށްވެސް ހާރިޖީ ވަޒީރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ